ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޓްރިވެންޑްރަމުން މާލެއައުމަށް ނުފުރި ތިބި މީހުން އެހެން ފްލައިޓަކުން ގެނައުމުގެ މަސައްކަތް މޯލްޑިވިއަން އިން ފަށައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ލިބުން ގޮތުގައި މި މީހުން ޓްރިވެންޑްރަމުން ނުފުރި ތިބޭތާ މިހާރު ވަނީ ދެ ދުވަސް ވެފައެވެ.
މިކަމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރާ ވީޑިއޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.
މި މައްސަލައާ ބެހޭގޮތުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަން އެންޑް ޕީއާރު މެނޭޖަރ މޫސާ ވަސީމް ''ވަން އޮންލައިން'' އަށް ފޯނުން މައުލޫމާތު ދެއްވަމުން ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިންޑިއާގެ ޓްރިވެންޑަމުން ފުރަން ހަމަޖެހިފައިވާ ފްލައިޓް ޑިލޭވެފައި ވާކަމަށެވެ.
އަދި މިކަން ބަލަމުން އަންނަ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން އަންނަނީ ނުފުރިފައި ތިބި މީހުންނަށް ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެހެން ފްލައިޓަކުން ނަމަވެސް އެކޮޅުގައި ނުފުރި ތިބި މީހުން މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައިވެސް ވަނީ މިކަން ހާމަކޮށްފައެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މޯލްޑިވިއަން އިން ވަނީ މައާފަށް އެދިފައެވެ.