މާލެއާއި ހުޅުމާލޭގައި ފުލުހުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ހޯދިފައިވާ މައުލޫމާތާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލައިފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ 119 ކިލޯގެ މަސްތުވާތަކެތި މާލެއާ ހުޅުމާލޭގައި އުފުލި ގޮތުގެ ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތައް ދައްކާލައިފައެވެ.
މި މައްސަލައިގައި ދައުވާ އުފުލީ، ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން ގދ. ހޯޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދުގެ މައްޗަށެވެ.
އެ މައްސަލައިގެ ތުހުމަތު ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާނަށް ވެސް ކުރިއެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި، މައްސަލަ ހިނގައިދިޔަ ދުވަހުގެ ހަވީރު އޭނާ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް މިހާތަނަށްވެސް އޭނާ އެނބުރި ރާއްޖެ އައިސްފައިނުވާ ކަމަށެވެ.
ފުލުހުން މިއަދު ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަންގައި ވަނީ، 119 ކިލޯގެ މަސްތުވާތަކެތި އުފުލުމަށް މާލޭގެ ފިހާރަތަކުން ފޮއްޓާއި ދަބަސް ގަންނަ މަންޒަރާއި މާލޭގެ ލޯކަލް މާރުކޭޓުން ތިން ފުޅިމަދު ފޮށި ގަންނަ މަންޒަރާއި އެ ތަކެއްޗަށް މަސްތުވާތަކެތި އަރުވާ މަންޒަރުވެސް ދައްކައިފައެވެ. އަދި ލޯންޗެއްގައި މަސްތުވާތަކެތި އުފުލައި، ލޯންޗުން އެތަކެތި ކާރަކާއި ސައިކަލެއްގެ މަޑިދަށުގައި ރައްކާކުރާ މަންޒަރު ފަދަ މަންޒަރެއްވެސް ފުޓޭޖުތަކުން ފެނެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދިޔަ އިރު، ދައުލަތުގެ ވަކީލުން ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަށް ވަކި މީހަކު ޒިންމާ ކުރުވުމަށް އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތައް ދައުލަތުން ކޮށްފައިވަނިކޮށް، ބުދަ ދުވަހު މި މައްސަލަ ނިމުނު އިރު، ކުށް ސާބިތުވެފައިވެފައިވަނީ އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. މުޖާހިދާއި ސުނައިނުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ތަހުގީގެއް ހިންގިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.