ސަރުކާރުން ހަދިޔާކުރާ ކާޑު އެސްޓީއޯގެ ގުދަނުން ދޫކުރާ ގޮތަށް ބަދަލުކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސަރަހައްދުން ނުގެންގޮސް ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކާޑު ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ ކުރީ ފަހަރުތަކާ އެއްގޮތަށް މިފަހަރު ވެސް ކާޑު ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ކާޑު ބަލައި ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެސްޓީއޯއިން ބުންނެވެ.