ޚަބަރު

މާލީބަޔާން ހުށަނާޅާ ކެނޑިޑޭޓުންނާއި، އިންތިހާބީ އެޖެންޓަށް ފިޔަވަޅު އަޅަން ޕީޖީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން، ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށައަޅުއްވާފައިވާނުވާ، ކެނޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮސިކިއުޓާ ނެޖެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތުހިމެނޭ މާލީ ބަޔާނެއް ތައްޔާރުކުރުމަށްފަހު، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓު ކޮށްފައިވާ މާލީބަޔާނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މާލީ ބަޔާން ހުށަނާޅައި ގާނޫނާ ހިލާފްވެފައިވާ، 36 ކެނޑިޑޭޓެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މާލީ ބަޔާން ހުށައަޅުއްވާފައިވާނުވާ، ކެނޑިޑޭޓުންގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، މާލީބަޔާން ހުށަހެޅި 11 ކެންޑިޑޭޓެއްގެ ބަޔާން ފުރިހަމަ ކުރުމަށް އެ ކެނޑިޑޭޓުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ބަޔާންތައް ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމަށް އެ ފަރާތްތަކަށް ހަތް ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރައްވާފައިވެއެވެ.