ހަތް ދިވެހިންވެގެން ރަހީނުކުރި ބިދޭސީއަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ، ބިދޭސީއަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ، މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ރޭ ދަންވަރު 2:36 އެހާކަންހާއިރު ކަމަށެވެ.
އަދި ރަހީނުކުރި މީހުން އެ ބިދޭސީ މީހާގެ ރައްޓެހި އެހެން މީހަކަށް ގުޅައިގެން 40،000 ފުރިޔާއަށް ޑިމާންޑް ކޮށްފައިވާ ކަމަށާއި، އެ ފައިސާ ބަލާ އައި ވަގުތު ކެންގަރޫ ކިޑްސް ކައިރިން ފައިސާއާ ހަވާލުވާންއައި ބިދޭސީއަކު ހައްޔަރުކުރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ރަހީނު ކުރި މީހާ ދެއްކުމަށް، ހައްޔަރުކުރި މީހާއަށް އެންގުމުން ނިކަގަސް މަގުގައި ހުންނަ ގޯޅިއެއްގެ ތެރޭގައި އެމީހާ ރަހީނުކޮށްފައިވާކަމަށް ބުންޏެވެ. އަދި ފުލުހުން އެތަނަށްގޮސް ރަހީނުކޮށްފައިހުރި ބިދޭސީމީހާ ހޯދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު އިތުރަށް ސާފު ކުރުމުން މި އަމަލު ހިންގުމުގައި ހަތް ވަރަކަށް ދިވެހިން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ރަހީނުކޮށްފައި ހުރި ސަރަހައްދައް ފުލުހުން ދިޔަވަގުތު އެ އެންމެން ފިލާފައިވާކަމަށް ފުލުުން ބުންޏެވެ
ފުލުހުން ބުނީ ރަހީނުކޮށްފައިހުރި ބިދޭސީ މީހާގެ ގައިގައި ތަޅައި އަނިޔާކޮށް، މާރާމާރީ ހިންގުމަށްފަހު ދެ މޯބައިލް ފޯނާއި ކަރުގައި އަޅައިފައޮތް ފަށާއި ތަލުދަނޑި ފައްޗެއް އެމީހުން ފޭރިގަނެފައިވާކަމަށެވެ.
މި މައްސަަލައިގަ ހައްޔަރުކޮށްފައިވަނީ ފައިސާއާ ހަވާލުވުމަށްއައި 42 އަހަރުގެ ބަނގުލާދޭޝް ފިރިހެނެކެވެ. މި މައްސަލައިގައި ރަހީނުކޮށްފައިހުރި ބަނގްލަދޭޝްމީހާގެ އުމުރަކީ 29 އަހަރެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.