ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، މަރުވެފައިވަނީ ރ. މަޑުއްވަރީ، ވިންޑްމާގޭ، އަހުމަދު އިޖާޒު (44އ) އެވެ. އޭނާ މަރުވީ މިރޭ 10:30 ހާއިރުއެވެ.
ކަރެކްޝަންސް އިން މިރޭ ބުނީ މާޗް މަހުގެ އަށްވަނަ ދުވަހު ނޭވާލާން އުނދަގޫވެގެން އިޖާޒު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރުގައި އެޑްމިޓްކުރި ކަމަށާއި އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށްވެފައި، ބަލީގެ ހާލަތު ދެރަކަމުން އޭނާ މާޗް މަހުގެ ނުވަވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ހާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އިޖާޒަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރުމަށް މާޗް މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެންދެވުނު މީހެކެވެ.
ކަރެކްޝަންސް އިން ބުނީ އިޖާޒު މަރުވުމާ ގުޅިގެން އެ އިދާރާ އިން ވާނީ ވަގުތުން އެކަން އޭނާގެ އާއިލާގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަވިސް އާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައި ކަމަށެވެ.