ޚަބަރު

ޖުޑިޝަރީ ހިންގާނެ ގޮތުގެ ފަސް އަހަރުގެ ޕްލޭން ދެމަސް ތެރޭ ތައްޔާރުކޮށް ނިންމާލެވޭނެ: އުއްތަމަ ފަނޑިޔާރު

ޖުޑިޝަރީ ހިންގާނެ ގޮތުގެ ފަސް އަހަރުގެ ޕްލޭން ތައްޔާރު ކުރުން ކުރިއަށް އޮތް ދެމަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހުކުރުމުގެ މަގުޗާޓް އިފްތިތާހު ކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހުކުރުމުގެ މަގުޗާޓް އިފްތިތާހު ކުރުމަށްފަހު ދެން އެންމެ ބޮޑު އެއްކަމަކީ ކުރިއަށް އޮތް ފަސް އަހަރަށް ޖުޑިޝަރީ ރިފޯމް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށާއި ކޮންފަރެސްގެ ފަންނީ ކޮމެޓީގެ ފަރާތުން ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީއާއެކު އެ މަސައްކަތްކޮށް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމާލެވޭނެ ކަމުގައެވެ. އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ކުރެވޭ މަޝްވަރާގެ ތެރެއިން އެ ޕްލޭންވެސް އާއްމުކޮށް ޝާއިއު ކުރެވި އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ލަހެއްނުވެ ފެށިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ޕްލޭނަކީ، ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް އަމާޒުކޮށް، ފަނޑިޔާރުގޭގެ ކަންކަން އިސްލާހުކޮށް ހަރުދަނާކޮށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާ ބެހޭގޮތުން ޝަރުއީީ ދާއިރާގެ ތާރީހުގައި ތައްޔާރު ކުރެވޭ އެންމެ ފުރަތަމަ ޕްލޭން ކަމަށާއި މި ޕްލޭނަކީ ޒަމާނީ އަދި ހަރުދަނާ ފަނޑިޔާރު ގެއެއް ގާއިމު ކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޝާމިލުގޮތެއްގައި އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށެވެ.

އަދި މި ޕްލޭން ތަންފީޒު ކުރެއްވިއްޖެނަމަ އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.