ޚަބަރު

ދަނޑުވެރިކަން ކުރަން ޗައިނާ ކުންފުނިން އުތުރުތިލަފަޅުން 200 ހެކްޓަރު ހިއްކާނެ: ރައީސް

އިބްރާހިމް ޒަކީ

1

ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ސްޓޭޓް ޓްރޭޑް އޯގަނިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގެ 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މަޖިލިސް ކެމްޕެއިން އިވެންޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ބޭރުން އެތެރެކުރުމަށްޓަކައި މިލިއަނުން ޑޮލަރު ހޭދަކުރަންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެގެން ދިއުން ނިމުމަކަށް ގެނައުމަށް، ގައުމުގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި، ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ހޭދަ މަދުކޮށް ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އަޅުވަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިންޑަސްޓްރިއަލް ޒޯން ގާއިމްކުރުމަށް އެ ތަނުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގްރިކަލްޗާ އިކޮނޮމިކް ޒޯން މަޝްރޫއުގެ މައި ހަބަކަށް ވާނީ އުތުރު ތިލަފަޅުވި ނަމަވެސް ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ ރައްޔިތުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށް ހިމަނައިގެން، ރާއްޖޭގެ އުތުރާއި ދެކުނުގައި ބޮޑެތި ބިން ހުރި ރަށްރަށުގައި އެ މަޝްރޫއުގެ ބައެއް ބައިތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި، ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ފުޑްސެކިޔުރިޓީ ފުރިހަމައަށް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ އިމްޕޯޓް ކޮށްފައިވާ ތަކެތި ކަމަށް އެމްއައިޑީން ބުންޏެވެ. ރާއްޖެއަށް އެހާ ވަރަށް ކާބޯތަކެތި އިތުރުކުރަން ޖެހެނީ ރާއްޖޭގެ އޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު ހެދި އެއްބަސްވުމުގެ ދަށުން އެ ދަތިތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް އެމްއައިޑީން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟