ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހުކުރުމުގެ މަގުޗާޓް އިފްތިތާހު ކޮށްފިއެވެ.
މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި މަގުޗާޓް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީއެވެ. މިމަގު ޗާޓުގައި މައިގަނޑު ވިހި ކަމެއް ބަޔާންކޮށްފައިވެއެވެ. އެއީ؛
- ކޮންފަރެސް އޮން ޖުޑީޝަލް އިންޑިޕެންޑެސް އެންޑް ރިފޯމް. މިއީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހްކުރުމުގެ ގޮތުން ފެބްރުއަރީ 19 އަދި 20 ގައި ބޭއްވުނު ކޮންފަރެސްއެކެވެ. މި ކޮންފަރެސްގައި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
- ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުން
- ޤާނޫނު އިސްލާހު ކުރުން
- ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ނިޒާމު ހަރުދަނާ ކުރުން
- ފަނޑިޔާރު ގެއަކީ ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ކަށަވަރު ކުރުން
- ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް ފަނޑިޔާރުން ޖަވާބުދާރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުން
- ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން
- ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު ހަރުދަނާކޮށް ތަންފީޒު ކުރުން
- ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ގާއިމު ކުރުން
- އެކްސެސް ޓު ޖަސްޓިސްގެ ނިޒާމު ހަރުދަނާ ކުރުމާއި ހުކުމް ތަންފީޒު ކުރުވުމުގެ ނިޒާމް ހަރުދަނާ ކުރުން
- ޖުޑިޝަލް ކޭސް މެނޭޖްމެންޓްގެ ނިޒާމް ހަރުދަނާ ކުރުން
- ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓުތައް ގާއިމު ކުރުން
- ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުން
- އީފައިލިންގެ ނިޒާމް ގާއިމު ކުރުމާއި ޓެކްނޮލެޖީގެ ވަސީލަތްތައް ބޭނުން ކުރާ މިންވަރު އިތުރު ކުރުން
- ފަނޑިޔާރުގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރު ކުރުން
- ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަނާއި ތަމްރީނުގެ ނިޒާމް ހަރުދަނާ ކުރުން
- ފަނޑިޔާރުން ތާޒާ ކުރުމަށްޓަކައި އަހަރަކު ވިހި ގަޑިއިރުގެ އިންސާވިސް ހިދުމަތް ތައާރަފު ކުރުން
- ޝަރުއީ އަދި ގާނޫނީ ތައުލީމުގެ ނިޒާމް ހަރުދަނާ ކުރުން
- ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުން
- ލީގަލް އެއިޑުގެ ހަރުދަނާ ސްކީމެއް ގާއިމު ކުރުމާއި ޕަބްލިކް ޑިފެންޑާސް ސްކީމެއް ތައާރަފް ކުރުން
މި ކަންތައްތަކުގެ ތެރެއިން ލީގަލް އެއިޑުގެ ހަރުދަނާ ސްކީމެއް ގާއިމު ކުރުމާއި ޕަބްލިކް ޑިފެންޑާސް ސްކީމެއް ތައާރަފް ކުރުމުން ތަނަވަސްކަން ނެތް ފަރާތްތަކަށް މަދަނީ ޖިނާއީ އަދި އާއިލީ މައްސަލަތަކުގައި ވެސް ގާނޫނީ ވަކީލުންގެ ހިދުމަތާއި އެހީތެރިކަން ލިބޭނެ މަގުފަހި ކުރުމަށްޓަކައި ޕަބްލިކް ޑިފެންޑާސް އޮފީހެން ގާއިމު ކުރެވިގެންދާނެއެވެ. އެގޮތުން ވަކީލުން ހަމަނުޖެއްސި މައްސަލަތައް ދިގުލައިގެން ދިޔުމަށް މެދުވެރިވާ ހާލަތްތައް މަދުކުރެވޭނެއެވެ.