އަލީ ޔާމިން
އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކުން އުމްރާއަށް ދާ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތެއްތޯ ކަށަވަރުކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު ޝަމީމް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި އެފަދައިން އިލްތިމާސްކުރެއްވީ، ހައްޖާއި އުމްރާއަށް ގެންގޮސްދިނުމުގެ ހިދުމަތް ދޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ފޮނުވި ޗެކުތަކެއް ބައުންސްވި މައްސަލައެއް ފެންމަތިވެ، އުމްރާވެރިންގެ ބަޔަކަށް ރާއްޖެ އެނބުރި ނާދެވި ތާށިވެދާނެ ކަމުގެ ބިރު ހީވެފައިވުމުންނެވެ.
މީގެ ކުރީން ވެސް އުމްރާވެރިންގެ އަތުން ފައިސާ ނެގުމަށް ފަހު، ލަނޑުދީފައި އޮތް، މަޝްއަރު ގުރޫޕުން މި ފަހަރު 54 މީހުން އުމްރާއަށް ގެންދިޔައެވެ. އެ މީހުން ގެންދިޔައީ ޔޫއެލް ފްލައިޓެއްގައެވެ.
މަޝްއަރު ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހިންގެ ފްލައިޓަށް ފައިސާ ދައްކަން އެ ޖަމާއަތުން ދިން ހަތަރު ޗެކްވެސް ވަނީ ބައުންސް ވެފައެވެ.
މަޝްއަރު ގްރޫޕުން މީގެ ކުރީން ވަނީ އެމެރޭޓް އާއި އޮމާން އަދި ސައުދީ އެއާލައިނަށް ވެސް މިގޮތަށް ލަނޑުދީފައެވެ. އެއިން އެއްވެސް އެއާލައިނަކުން އެ ޖަމާއަތުގެ މީހުން މިހާރު ނުއުފުލައެވެ. އެ ފަހަރު އެ ގުރޫޕް ސަސްޕެންޑްކޮށް މައްސަލަވެސް ބެލިއެވެ.