އުސޫލެއްގެ ގޮތުން އެންޓި ޑިފެކްޝަން ބިލަށް ތާއީދު ކަމަށާއި ރަނގަޅު ގޮތަކީ ރައްޔިތުންގެ މަޖިލިސް މެންބަރުން އިންތިހާބުވި ޕާޓީގައި ދެމިހުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ރައީސް މިރޭ ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީން މަޖިލީހަށް އެންޓި ޑިފެކްޝަން ބިލު ހުށަހަޅާފައިވަނިކޮށެވެ. އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ބިލު މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައެވެ.
އެ ބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީއާ ގުޅުނީ ވަރަށް ޖާއިޒް ސަބަބުތަކެއް ހުރެގެން ކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ އިންތިހާބުވެފައި ހުރި ޕާޓީއެއްގައި ހުރުން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"މިއީ ޑިބޭޓަބަލް ކަމެއް. އެންމެ އައިޑިއަލް ގޮތަކަށް ވާނީ އެ އިންތިހާބުވި ޕާޓީއެއްގައި ހުރެގެން ކުރިއަށްދިއުން. އެއީ ރައްޔިތުންނާއެކު ހެދިފައި އޮންނަ ސޯޝަލް ކޮންޓްރެކްޓަކީ ވެސް ހަގީގަތުގައި. އެހެންވީމާ އުސޫލެއްގެ ގޮތުގައި އަޅުގަނޑު ތާއީދުކުރަން ތި ބިލަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މެންބަރުން މަޖިލީހަށް އިންތިހާބުވަނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ނުވަތަ ވަކި ޕޮލިސީތަކެއް ވިއްކައިގެން ރައްޔިތުންގެ ތާއީދެއް ހޯދައިގެން ކަމަށާއި އެ ތާއީދު ބޭސްވި އަސާސް ދޫކޮށްލާފައި އެހެން ދިމާއަކަށް ދިއުމަކީ އާންމު އުސޫލުން އެކަން އޮންނަންވާނެ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީއާ ގުޅުމަށް ދިމާވި ހާލަތު އެންމެންނަށް ވެސް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަތް މެންބަރުންގެ ވަގުތީ ކޮމިޓީން އެ ބިލު ފާސްކޮށްފައިވަނީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލުގައި، މޭޔަރުންނާއި ސީޓީ ކައުންސިލްތައް ހިމަނައިގެންނެވެ.
އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެވެސް ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު، މަޖިލީހަށް ހުށަހެޅިއިރު އެ ބިލުގައި ސިޓީތައް ހިމްނައިފައެއް ނުވެއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. އެ ބިލުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް، އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް މިހާރު ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބިލު ހުށަހެޅި އިރު ހިމަނާފައި އޮތް ރީކޯލް ވޯޓު ނެގޭނެ ހާލަތްތައް ބިލުން ވަނީ އުނިކޮށްފައެވެ.
މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެކަމަށް ބިލުގައިވެއެވެ.
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސިޓީ ކަސުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރަކަށް މި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރި ވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު އިންތިހާބުވެފައިވާ މަގާމަކުން އެ މީހަކު ވަކި ވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތުގައި، އެ މީހަކަށް އެ ދާއިރާގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައި އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.