އދ. މާމިގިލީ އެއާޕޯޓް ފަޔަރުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާ ލިބުނު މީހާ މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އެންމެ ސީރިއަސްވި މީހާ އދ. މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ މިރޭ 7:37ގައި ކަމަށާއި އޭނާއަކީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ހާދިސާގައި އަނިޔާވިި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މާލެ ފޮނުވާލާފައިވާ އިރު، މަރުވި މީހާގެ ހާލު ސީރިއަސްވުމުން ފަރުވާދެމުންދިޔައީ މަހިބަދޫ ހޮސްޕިޓަލުގައެވެ. އެ ހަތަރު މީހުންނަކީ ވެސް އެއާޕޯޓުގެ އެއާ ފަޔަރުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފުންނެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:15 އާއި 4:20 އާ ދެމެދުގެ ވަގުތެއްގައި ވިލާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަޔަރު ލޮރީއެއް ކޮންޓްރޯލް ނުވެގެންގޮސް ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އެ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް، ދެ މީހެއްގެ ފައި ބިނދި، އަނެއް މީހާގެ ކަކުލަށް އަނިޔާ ލިބިފައިވާ ކަމަށެވެ.