ވައުދުފުޅާ އެއްގޮތަށް އެކުވެރި އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް މިއަހަރު ލިބެން ފެށޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ، މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ. ޕީއެސްއެމްއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވެސް އެމަނިކުފާނު ވަނީ އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.
"ވަރަށް ބާރަށް އެބަ ހިނގާ މިކަމުގެ އިދާރީ މަސައްކަތްތައް. އަޅުގަނޑު އުންމީދުކުރަނީ ހަމަ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް. ވަރަށް ބޮޑަށް އެކަމަށް ޓާގެޓް ކުރެވިގެންދަނީ. އެހެންވީމާ ވަރަށް އުންމީދުކުރަން މިއަހަރު ފެށިގެންދާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އާސަންދައިގެ ހިދުމަތަކީ ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީތަކުން ލިބޭ ހިދުމަތެއްގެ ބަދަލުގައި، އެ ހިދުމަތް އެހެން ގައުމުތަކަށްވެސް ފުޅާކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
"އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއަށާއި ތައިލޭންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން. އަދި އެތަނަށް ދާއިރުގައި އެކަމަޑޭޝަން އެކްސްޕެންސެސްވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެން އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ވަަނީ އެކަމުގެ މަސައްކަތަކާ ގުޅޭ މައުލޫމާތު ދެއްވައިފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ މޮޑެލްތަކާއި ކަވަރުކުރާނެ ހިދުމަތްތަކާ މެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އާސަންދައަށް މިހާރަށް ބަޖެޓް ކޮށްފައިވާ އަދަދުގެ ތެރެއިން ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް މެނޭޖުކުރެވޭނެ ގޮތަކަށް އެކަމާބެހޭ ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.