ޚަބަރު

ރައީސް، ސިފައިންނާ ބައްދަލުކުރައްވައިފި

ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިފައިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް، ސިފައިންނާ ބައްދަލުކުރައްވާފައިވަނީ ރޭ ކަޅުތުއްކަލާކޮށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ސިފައިންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ސިފައިންގެ ގައުމީ ހިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ވިދާޅުވީ ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ މައިގަނޑު އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓައި، ފަހުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ.

ސިފައިންގެ ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަސްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ގައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ގައުމު ސަލާމަތްކުރި ކޮންމެ އަބްތާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިއުން ކަމަށާއި، އެއީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ގައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އިރު، ކަނޑިއާއި ބަޑިއަށްވުރެ މާ ނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް އެ ވިސްނުމުގައި ޒަމާނާ އެއްގޮތަށް އެކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށްޓަކައި ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމަށާއި އެހެންނޫނީ، ނޭނގި ހުއްޓައި އަތުން ބީވެގެންދާނީ ދިވެހި ޒުވާން ޖީލުގެ މުސްތަގުބަލު ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށާއި ވަކިން ހާއްސަކޮށް، ރާއްޖޭގެ މިނިވަންކަމުގެ އިމުގައި ރައީސް މުއިއްޒު ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯއްދަވައިދެއްވައި، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއާ ކޯއެއް ގާއިމުކޮށްދެއްވައި، ހިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދަވައިދެއްވި ދެއްވުމަކީ، ރައީސްގެ ދުރު ވިސްނުންފުޅާއި ދިވެހި ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަން ސާބިތުވެގެންދާ ކަމެއް ކަމަށެވެ.

އަދި، ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވުމާއި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން، ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި، އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ގައުމީ ހިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ގައުމު އިސްކޮށްގެން މަސައްކަތްކުރެއްވުމަށް ސިފައިންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.