ޚަބަރު

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވަން: ޕީޕީއެމް

އަލީ އިހްސާން

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކުރާ ކަމުގައެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ މުއައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން މިއަދު އިންތިހާއަށް ކުރިމަތިވެފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާ އިރު ދިވެހި އެތައް މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައި ގަނެވި، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ނިހާޔަތަށް ދަތި ކަންތައްތަކާ ކުރިމަތިލާން ޖެހިފައިވުމަކީ ހިތަމާއެއް ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާރު ކުންފުނިތަކާއި ސަރުކާރުގެ މާލީ ހާލަތު ދަށްވެ ދައުލަތުގެ ރިކަރަންޓް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތިފައިވާ ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ފަސްއަހަރު ކަމަށާއި 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އެކުލަވާލި މެނިފެސްޓޯގެ ތެރެއިން އެތަކެއް ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދިޔަ ކަމަށެވެ.