ރާއްޖޭގެ 10 ސަރަހައްދެއްގައި އެއާޕޯޓު ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިއަދު ވަނީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި ގަރާރެއް ނެރުއްވައިފައެވެ.
އެ ގަރާރުގައި އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ރައީސް ވަނީ ގަރާރުން ކަނޑައަޅުއްވައިފައެވެ.
މީގެ ތެރެއިން ގިނަ ރަށްރަށަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު އެއާޕޯޓު ހަދާނެ ކަމަށް ވައުދުވެވަޑައިގެންނެވި ސަރަހައްދުތަކެވެ. އަދި ރޯދައިގެ ކުރިން ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް އެމަނިކުފާނު ވަނީ މީގެ ތެރެއިން ބައެއް ރަށްރަށުގައި އެއާޕޯޓު ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުނަހަންދޫގައި ބޭއްވި ޖަލްސާގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރ. އަތޮޅުގެ ދެކުނު ބިތުގައި ހަދަން މިދިޔަ ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓު ފައިނުގައި ތަރައްގީ ކުރައްވަން ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މިދިޔަ ސަރުކާރުން ނިންމީ ރ. އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށެވެ.
މީގެ ތެރެއިން ފ. ނިލަންދޫގައި ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރައީސްގެ ގަރާރުން ވަނީ ލ. ގަމާއި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް ހިންގުމަށްވެސް ނިންމަވައިފައެވެ. އެގޮތުން ލ. ގަމު އައްސޭރި ޓޫރިޒަމް މަޝްރޫއަށް އެންމެ ދަށްވެގެން 7،000 ޑޮލަރު އިންވެސްޓް ކުރަންޖެހޭނެއެވެ. އަދި އައްޑޫ ސިޓީ އައްސޭރި ޓޫރިޒަމް މަޝްރޫއަށް އެންމެ ދަށްވެގެން 10،000 ޑޮލަރު އިންވެސްޓް ކުރަންޖެހޭނެއެވެ.