ޚަބަރު

ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

ގދ. ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް"ގެ ގޮތުގައި އަދި "ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށާއި ރައީސް އެގޮތަށް ހަމަޖައްސަވާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

ރައީސް އެގޮތަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010/7)ގެ 51 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

އެ ބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސާފައިވަނީ "Secretariat of the Thinadhoo City Council" އެވެ. އަދި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔާ ސިޓީ ނަންބަރު ޖެހުމަށް ހަމަޖައްސާފައިވަނީ މިހާތަނަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަޖައްސާފައިވާ ނަންބަރު 415 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާބެހޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން، އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވީ އިއްޔެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 30 ގައެވެ. ނަމަވެސް ގާނޫނު މާނަކުރުމުގައި އުފެދުނު ހިޔާޅުތަފާތުވުންތަކަކާ ގުޅިގެން މިހާތަނަށްވެސް ތިނަދޫ ރަށު ކައުންސިލް އޮތީ ސިޓީ ކައުންސިލަކަށް ބަދަލު ނުވެއެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށެވެ.

އެ ބިލުގައިވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ އިރު، އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލުގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލުގެ އިންތިހާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ކައުންސިލުގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް އޮތް ނަމަ، އިސްލާހުގައިވާ ގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލު އެ ހިނދުން ފެށިގެން އުވުނީ ކަމަށާއި އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުންގެންދިޔަ ހިދުމަތްތައް ކުރިއަށްގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.