އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ގ. ސާޓަންގެ/ މޭޖާ ރިޓަޔާޑް ތޮލްހަތު ހަސަން ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އޭނާ އެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ރިޔާސަތުން މަޖިލިސް ތަޅުމަށް ހުށަހެޅީ، އެ މަގާމަށް މީހަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި މީހުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ހިމެނޭ ކޮމިޓީތަކަށް ނިސްބަތްވާ މެންބަރުން ހިމެނޭ ކޮމިޓީއަކުން އިންޓަވިއު ކުރުމަށްފަހު އޭނާގެ ކިބައިގައި އެ މަގާމަށް ޝަރުތު ފުރިހަމަވާތީއެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް އޭނާ އައްޔަން ކުރަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެެރެއިން 35 މެންބަރުން ވޯޓު ދެއްވިއެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 31 އޮކްޓޯބަރު 2013 ގައެވެ. އެ މަގާމު އުފެއްދީއްސުރެ މިހާތަނަށް އެ މަގާމުގައި ހުންނެވީ މުހައްމަދު ހަލީމެވެ. އެ މަގާމު ހުސްވީ ގިނަ ދުވަސްތަކަކަށް އޭނާ މަގާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު، 24 އޯގަސްޓް 2022 ގައި މަޖިލީހުން ވޯޓު ނަގައިގެން އޭނާ މަޖިލީހުން ވަކި ކުރުމާ ގުޅިގެންނެވެ.
އޭރު އޭނާ ސަސްޕެންްޑް ކުރީ މަޖިލީހުން އޭނާގެ މައްސަލައެއް ބަލަމުންދާތީއެވެ. ނަމަވެސް އެެއީ ކޮން މައްސަލައެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.