މާލެ ސިޓީ ފިޔަވައި، ރަށެއްގައި ހުޅުވި ދެވަނަ މޯޗަރީ ދ. ކުޑަހުވަދޫގައި އިއްޔެ ހުޅުވައިފިއެވެ.
މާލެ ފިޔަވައި ރަށެއްގައި ފުރަތަމަ މޯޗަރީއެއް ހުޅުވީ ލ. ހިތަދޫގައެވެ. އެއީ ވިޔަފާރިވެރިއެއްގެ އެހީގައި އެ ރަށުގައި ހެދި މޯޗަރީއެކެވެ.
ކުޑަހުވަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މޯޗަރީ ހުޅުވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ.
ހިނަވާގެއަކާއެކު ހެދި އެ މޯޗަރީގެ ފްރީޒާގައި އެއް ފަހަރާ ތިން މީހުންގެ ހަށިގަނޑު ފިނިކުރެވޭނެއެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ، އެ ރަށަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވުމުން ކައިރި ރިސޯޓުތަކުން މަރުވާ ފަތުރުވެރިންގެ ހަށިގަނޑު ވައިގެ މަގުން މާލެ ގެންދިއުމަށް އެ ރަށަށް ގެންނަ ކަމަށާއި ހަށިގަނޑު މާލެ ފޮނުވާލެވެންދެން އައިސް ބޮކްސްއެއްގެ ތެރޭގައި ބާއްވައިގެން ހަށިގަނޑު ކުނި ނުވާ ގޮތް ހަދާ ކަމަށެވެ. އަދި އެކަމުގައި ތަކުލީފުތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވި ގޮތުގައި، އެ ރަށު ކައުންސިލުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރަށުން ވިޔަފާރީގެ ބޭނުމަށް ބިންތައް ކުއްޔަށް ދެނީ ސީއެސްއާރުގެ ދަށުން ރަށަށް ފައިދާވާނެ ކޮންމެވެސް ކަމެއް ކޮށްދޭން ޝަރުތުކޮށްފައި ކަމަށެވެ. މޯޗަރީއަކީވެސް އެ ގޮތަށް ހެދި ތަނެއް ކަމުގައި ވިދާޅުވިއެވެ.
"މި ރަށުގައި ޕެޓްރޯލް ވިއްކާ ބްރައިޓް ބްރަދާސް ކިޔާ ކުންފުންޏަކަށް ކުއްޔަށް ދީފައި އޮންނަ ބިމުގެ މުއްދަތު އާކުރި އިރު، އެ ކުންފުންޏަށް އަޅުގަނޑުމެން ލާޒިމްކުރީ ސީއެސްއާރު ކަމެއްގެ ގޮތުގައި ރަށަށް މުހިންމު ކަމެއް ކޮށްދޭން. މި މޯޗަރީ އަކީ އެގޮތުން އެ ބޭފުޅުން ނެންގެވި ކަންތައް،" ފިކުރީ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ، މޯޗަރީގެ މަސައްކަތަށް ޖުމްލަ 350،000 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ފިކުރީ އިތުރަށް ވިދާޅުވީ، މޯޗަރީގެ ހިދުމަތް އެ ރަށުން ލިބުމުން ކައިރި އަތޮޅުތަކުންވެސް މަރުވާ މީހުން މާލެ ގެނައުމުގެ ކުރިން އެ ރަށަށް ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މޯޗަރީގެ ހިދުމަތަކީ ރަށުގެ ތަރައްގީއަށްވެސް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައި އެއް ފަހަރާ 12 މީހުންގެ ހަށިގަނޑު ފިނި ކުރެވެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މަރުވާ މީހުންގެ ހަށިގަނޑު ފިނިކުރެވޭނެ ނިޒާމެއް ހުރެއެވެ.