ރާއްޖޭގެ އިސްލާމީ މުގައްރަރަކީ މީހަކު ކުޅޭ ކުޅިވަރެއްހެން ހަދާފައި އޮތް އެއްޗެއް ނޫން ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ މުގައްރަރަކީ ބޮޑު ކޮމެޓީއަކުން އެކުލަވައިލާ އެއްޗެއް ކަމަށެވެ. އަދި އެކޮމެޓީގައި ތިއްބަވާ މެންބަރުންނަކީ އިލްމީ އެކި މުއައްސަސާތަކަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ.
އޭނާ ވަނީ ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް ވެސް އެދިވަޑައިގެންފައެވެ.
އިސްލާމީ މުގައްރަރާއި ގުޅޭގޮތުން ޒައިދު މިއަދު ޓުވީޓު ކުރެއްވިއިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ޓެގު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ވާހަކަތައް މިހާރު މާ ގިނަ ކަމަށެވެ.
އަދި އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރަން މި ވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލްތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޝައިޚު ޒައިދު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ތުނބުޅިލީ ކޮންމެ މީހަކީ ކިޔަވައިގެން ހުރި ޝައިޚެއް ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމުން އެނގެނީ އެފަދައިން ވިސްނާ މީހުންގެ ތަންދޮރު ނުފިލާކަން ކަމަށެވެ.
އަދި މުސްލިމަކު ކުރާ ނުބައި އަމަލަކީ އިސްލާމް ދީނާއި އެދީނުގެ ހުކުމްތަކާއި އަސާސްތައް ގޯސްވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ އޭނާގެ ނުބައިކަން ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދުގެ އިތުރުން ޝައިޚު އިލްޔާސް ހުސައިންވެސް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މުސްލިމަކު ގޯސްކަމެއް ކުރުމަކީ އިސްލާމް ދީނުގެ އުނިކަމެއް ނޫން ކަމަށާއި އިސްލާމް ދީނަކީ އެންމެ ފުރިހަމަ އެންމެ މާތްދީން ކަމަށް ވިދާޅުވެފައެވެ.
ލަންކާގައި މިިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ދިން ޖާނުންފިދާވުމުގެ ހަމަލާތަކުގެ ޒިންމާ އައިއެސްއިން ނަގާފައިވާއިރު ލަންކާގައި ހަމަލާތައް ދީފައިވަނީ އެގައުމުގައި ތިބި ދީނީ ޖަމާއަތެއްގެ ބަޔަކާއި ގުޅިގެން ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.
އެހެންކަމުން ހަމަލާތަކަށްފަހު ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެގައުމުގެ މުސްލިމުން އަންނަނީ ބުނަމުންނެވެ.