އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ނިންމަވައިފިއެވެ.
"މިގޮތަށް މި ނިންމީ މި ވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭތީވެ،" މުއިއްޒަށް ތާއީދުކުރަން ނިންމި ސަބަބު ހާމަކޮށް ޝައިހް ޒައިދު އެކްސްގައި ވިދާޅުވެފައިވެއެވެ.
ޝައިހް ޒައިދަކީ އެކްސްގައި ސިޔާސީ ކަންކަމާ ގުޅިގެން އާންމު ގޮތެއްގައި ހިޔާލުފާޅުކުރާ ބޭފުޅެކެވެ. އޭނާ ވަނީ ޕީޕީއެމް/ޕީއެންސީ ދެކޮޅަށް އަދި އެއްކޮޅަށްވެސް މީގެ ކުރިން ޓުވީޓު ކުރައްވައިފައެވެ.
ޝައިހް ޒައިދު، މުއިއްޒަށް ތާއީދުކުރަން ނިންމެވި އިރު އިލްމުވެރިންގެ ގުޅުމުގެ ގިނަ ބޭފުޅުން ވެސް ވަނީ މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. އަދި މުއިއްޒަށް ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ ބައެއް އިލްމުވެރިން ތާއީދު ކުރެއްވި ނަމަވެސް، އެ ޖަމިއްޔާއިން ރަސްމީ ގޮތެއްގައި މުއިއްޒު އެންޑޯޒް ކޮށްފައެއް އަދި ނުވެ އެވެ.