ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އިއުލާނު ކުރެއްވި ގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފިއެވެ.
ރައީސް މިދިޔަ މަހު ހދ. މަކުނުދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވަނީ، ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށާއި އެއީ ބަޖެޓުގައި ނެތް މަޝްރޫއަކަށް ވާތީ، އެ މަސައްކަތް ކުރާނީ އިންވެސްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ކަމަށެވެ.
އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރާ 50 ކައުންސިލު އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާކްސް ދެވޭނެ ގޮތް އާންމުކޮށްފައެވެ.
މި މިންގަނޑާއި މާކްސް ދޭ ގޮތާ މެދު ހިޔާލެއް އޮތް ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.