ރޯދަމަހު ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
"އަދި ރޯދަ މަހަކީ ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެވަރެޖު މަހެއްގައި މާލޭ ސަރަހައްދުގައި 94 މެގޮވޮޓު ކަރަންޓު ބޭނުންކުރާ ކަމަށެވެ. ނަމަވެސް މި ދުވަސްވަރު 104.7 މެގަވޮޓާ ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަކުރުމަށް، ކޮންމެހެން ބޭނުންވެގެން ނޫނީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި މި ދުވަސްވަރު ކަރަންޓު އިގުތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށް ފަހުމީ ވިދާޅުވިއެވެ.