ޚަބަރު

96 ހާހަށްވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އެބަ އުޅޭ: އިހުސާން

އިބްރާހިމް ޒަކީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 96,145 އަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގާނޫނުގައިވާ ގޮތުގައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ 100،000 މަސައްކަތްތެރިންނެވެ. އެ އަދަދު ހަމަވެފައިވާ ކަމަށްބުނެ މިދިޔަ އެމްޑީޕީ ސަރުކާރުން އޮތީ ބަންގުލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން ހުއްޓުވައިފައެވެ.

ނަމަވެސް މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރާއްޖޭގައި ތިބީ ބަންގުލަދޭޝް 90،000 މީހުން ކަމަށްބުނެ، އެ ގައުމުން މަސައްކަތުމީހުން ގެންނަން ފުރުސަތު ހުޅުވައިލިއެވެ.

މިހާރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ގާނޫނާހިލާފަށް އުޅޭ ބިދޭސީން އެބަތިބި ކަމަށާއި، އޭގެ ސީދާ އަދަދެއް އަދި 100 ޕަސެންޓަށް ސާފު ކުރެވިފައިނުވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ތިބި ބަންގުލަދޭޝް މީހުންނަށް ބަލާ އިރު، މިނިސްޓަރު ވިދާޅުވީ، އެކްޓިވް ވާކްޕާމިޓްގެ ގޮތުގައި 135،149 ވާކްޕާމިޓް މިވަގުތު އެބައޮތް ކަމަށެވެ. އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަމުން އަންނަ ވެލިޑް އެކްޓިވް ވާކްޕާމިޓްގެ އަދަދަކީ 39،004 ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ބާކީ ހުރި ހުރިހާ ވާކްޕާމިޓަކީ ގާނޫނީގޮތުން ބަލާއިރު ގަވާއިދާހިލާފަށް އުޅޭ ބިދޭސީން ކަމަށް ބެލެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ބޯޑާ ސިސްޓަމް ތެރެއިން ބަލާއިރު ރާއްޖެ ދޫކޮށް ގޮސްފައި ތިބި މީހުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކްޓިވް ވާކްޕާމިޓްތަކުގެ ތެރޭގައި، އެ ވާކްޕާމިޓުގެ ދަށުން އެމީހާ ރާއްޖެ ނާންނަ ޕާމިޓްތަކާއި، އެ ވާކްޕާމިޓްގެ ދަށުން ރާއްޖެ އައުމަށްފަހު ބިދޭސީ މީހާ އަނބުރާ ދިޔަ ނަމަވެސް ކުންފުނިން ކެންސަލް ނުކުރާ ވާކްޕާމިޓް ހިމެނޭ ކަމަށެވެ.

"އެހެންވީމަ މި މައްސަލައިގެ އަސްލު ހަގީގަތަކީ ވަރަށް ގިނަ ރާއްޖޭގެ ކުންފުނިތަކުން މީހުން މަސައްކަތަށް ގެނަސްފަ، އެމީހާއަށް މުސާރަނުދީ، ނުވަތަ އެކަހަލަ މައްސަލައެއް ޖެހިގެން ފިލައިގެން ދިއުމަށްފަހުގައި އެ ކޮމިއުނިކޭޝަން ސަރުކާރުގެ އޮތޯރިޓީއަކާއެކު ރަނގަޅަށް ހިންގާފައެއް ނޯވޭ، އެމީހާ ފިލައިގެން ދިޔައީމަ މިސިން އަށް މިލަނީ، މިސިން އަށް ލުމަކީ އޭނާ ރާއްޖޭން ގޮސްފިކަމުގެ ހެއްކެއް ކަމަށް އަދި ނުވެއް ބެލެވޭ، ހަމައެއާއެކު މިސިންގައި ހުންނަ މީހާ ފުރައިގެން ދިއުމާއެކު ވެސް އެބަހުރި ވާކްޕާމިޓް ކެންސަލް ނުކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދާހިލާފަށް ބިދޭސީން އުޅުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި އެއް އަހަރު ދުވަހަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.