އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭގައި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރެވޭނެ ވަކި ސަރަހައްދުތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ އެކެއް، ހުޅުމާލެ ދޭއްގެ އެކި ސަރަހައްދުތަކުގައި ބެނާއާއި ކެންވަސްތައް ހަރުކުރަމުން އަންނައިރު، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅާފައިވާ ނެޓްވޯކުތަކަށް ގެއްލުން ނުވާނެހެން އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން އެ ކުންފުނީގެ ހުއްދަ ހޯދައި، ކުންފުނީގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
އެ ނޫސް ބަޔާނާއެކު އެޗްޑީސީން ވަނީ ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ޗާޓެއްވެސް ހިއްސާކޮށްފައެވެ.