މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއަކުން ނުފެނޭ: ޑިފެންސް މިނިސްޓަރު

ރިޔާސީ އިންތިޚާބަށް ފަހު ވެސް އަދި މިރެޔާއި ހަމައަށް، އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްްޖެ އެވެ. އާދަމް ޝަރީފު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

އާދަމް ޝަރީފު ވިދާޅުވީ ދިވެހި ސިފައިންނަކީ ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާތަކެއް އުފުލަން ޖެހޭ ބައެއް ކަމަށެވެ. އެމީހުންނަކީ ސިޔާސީ ކަންކަމާ ދުރުހެލި ވާންޖެހޭ ބައެއް ކަމަށް ވެސް އާދަމް ޝަރީފް ގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވި އިރު، ސިފައިންގެ މައި މަރުކަޒެއް ކަމަށްވާ ކަޅުތުއްކަލާ ކޮށި ތެރެއަށް އަޅައިލައިފައި ހުރި ކަމަށް ބުނާ ލިޔުންތަކެއް ވަނީ ރޭ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި އެއީ ޗީފް އޮފް ޑިފެންސް ފޯސް އަށް މެސެޖެއް ދިނުމަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

މައިގަނޑު ހަތަރު ޕޮއިންޓެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ލިޔުމުގައި ބުނެފައި ވަނީ، އިންތިޚާބީ ރައީސަށް ސިފައިންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ވެރިކަން ގަޑުބަޑު ކުރުމަށް މަސައްކަތް ނުކުރުމަށެވެ. ދިވެހިން ސިފައިން ގާނޫނުގެ ވެރިކަން ނަގަހައްޓާނެ ކަމަށާއި އާ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.

އެލިޔުމުގައި އިތުރަށް ބުނެފައި ވަނީ، ސިފައިން ތިބޭނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި ވޯޓުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފަނޑިޔާރުންނަށް ބިރު ދައްކައިގެން ނަތީޖާ ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލަން ވެސް އެ ލިޔުމުގައި ވަނީ ގޮވާލައިފައެވެ.