އަސްކަރީ ތިން ޑްރޯން ބޭނުންކޮށްގެން އެމްއެންޑީއެފުން ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ފަށައިފިއެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ގެނައި ޑްރޯންތައް އިފްތިތާހްކޮށްދެއްވީ މިރޭ ނ. މާފަރު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ޑްރޯންތައް އޮޕަރޭޓް ކުރާނެ ބޭސްއަކީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ. މި ހިދުމަތް އޮޕަރޭޓް ކުރާނީ މިރޭ އުފެއްދި އެމްއެންޑީއެފް އެއާ ކޯއެވެ.
ތުރުކީން ގެނެސްފައިވާ މި ޑްރޯންތަކަކީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯންއެވެ. ސަރުކާރުން ނިންމާފައިވަނީ ޖުމުލަ ހަތް ޑްރޯން ގެންނާށެވެ.
ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރުން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯން ނެރެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
ދިގުމިނުގައި ހަ މީޓަރު އަދި ފިޔަގަނޑުގައި 12 މީޓަރު ހުންނަ މި ޑްރޯން އަކީ 27 ގަޑިއިރަށްވުރެ ގިނައިރު އުދުއްސޭ އުޅަނދެކެވެ. ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯން 25،000 އަށްވުރެ ފޫޓު މަތިން އުދުއްސޭނެއެވެ. އަދި މި ޑްރޯންގައި 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ހުރެއެވެ.
އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތައް ހުންނަ މި ޑްރޯނަކީ ފުލީ އޮޓޮމޭޓެޑް އަދި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުންނަ އުޅަނދެކެވެ. މި ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފައެވެ. މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯއެވެ. އަދި މި ޑްރޯނުން އިންޓެލިޖެންސް ސަވޭލަންސް އޮޕަރޭޝަންސްތައް ހިންގުމުގެ އިތުރުން، އެޓޭކް މިޝަންސް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ވެސް ލިބެއެވެ.
ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.