ޚަބަރު

މެންބަރުންގެ ހިޔާލު ތަފާތުވުން ހޫނުވެ، ފެނަކައިގެ ބޭފުޅުން ހާޒިރުކުރި ކޮމިޓީ ނިންމާލައިފި

އިބްރާހިމް ޒަކީ

ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުުވުން ހޫނުވެ، ފެނަކައިގެ އިސްބޭފުޅުން ހާޒިރުކޮށްގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ ބައްދަލުވުން ނިންމާލައިފިއެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދާއި އެ ކުންފުނީގެ އިސްބޭފުޅުން ހާޒިރު ކުރީ، ފުވައްމުލަކަށް ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅޭގޮތުންނެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެ ބައްދަލުވުން ފެށުމާއެކުވެސް ބައެއް މެންބަރުން ޝަކުވާ ކުރަން ފެއްޓެވިއެވެ. އެއީ ހުސެއިން މުހައްމަދު ދީދީއަކީ ފުވައްމުލަކަށް ނިސްބަތްވާ މެންބަރަކަށްވެފައި، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކީވެސް ފުވައްމުލަކާ ގުޅުންހުރި މައްސަލައެއް ކަމުންނެވެ.

ކޮމިޓީއަށް މަައްސަލަ ހުށަހަޅާފައި ވަނީ، ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފެނަކައިން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެއެވެ.

ނަމަވެސް ފަހުން މި ބައްދަލުވުމުގެ ރިޔާސަތަށް ކޮމިޓީގެ މުގައްރިރު އީސަ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ކޮމިޓީގެ ބައެއް މެންބަރުންނާއި މުގައްރިރާ ދެމެދު މައްސަލަ ހޫނުވީ، މެންބަރުން ބޭނުންވާ ހުރިހާ ސުވާލެއް އެއްފަހަރާ ކުރަންޖެހޭގޮތަށް ކޮންމެ މެންބަރަކަށްވެސް އެއް ފުރުސަތު ދިނުމަށް އީސަ ނިންމުމުންނެވެ. ނަމަވެސް އީސަ ވިދާޅުވި، މެންބަރު ކުރައްވާ ހުރިހާ ސުވާލަށް އެބޭފުޅުން ޖަވާބު ދެއްވާތޯ ބައްލަވާނެ ކަމަށާއި ޖަވާބު ނުލިބޭ ސުވާލެއް ވާނަމަ އެކަމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ނަމަވެސް އެކަމާ ދެކޮޅު ހެއްދެވި މެންބަރުން ވިދާޅުވީ، އާއްމުކޮށް ކޮމިޓީތަކުގައި ސުވާލުކުރުން ގެންދާ އުސޫލުން، މެންބަރުން ސުވާލު ކުރަން އެދިވަޑައިގަންނަވާ ވަގުތުތަކުގައި ސުވާލުކުރަން ފުރުސަތު ދެއްވައިގެން ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސް ދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް އީސަ ވިދާޅުވީ ދެން ބައްދަލުވުން ކުރިއަށް ގެންދާނީ އޭނާ ނިންމެވި ގޮތަށް ކަމަށެވެ. އެކަމާ އެންމެ ބޮޑަށް އިދިކޮޅު ހެއްދެވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ. އޭނާ ވިދާޅުވީ އެއްގޮތަކަށްވެސް އެގޮތަށް ބައްދަލުވުން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދަން ޖެހޭނީ މެންބަރުން ބޭނުންވާގޮތަށް ކަމަށާއި، މުގައްރިރު ބޭނުންވާގޮތަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ބައްދަލުވުން ކުރިއަށް ގެންދިޔަ ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހިސާބުން ހިޔާލު ތަފާތުވުން ބޮޑުވެ، މައްސަލަ ހޫނުވެ އަޑުގަދަވެގެން ބައްދަލުވުން ކުރިއަށް ގެންދެވޭގޮތް ނުވެގެން އީސަ އެ ކޮމިޓީގެ ބައްދަލުވުން ނިންމަވައިލެއްވިއެވެ.