ޚަބަރު

ވިހި މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން ކޯސްޓްގާޑާއި މެރިން ޕޮލިހުން އެހީތެރިވެއްޖެ

ވިހި މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި މެރިން ޕޮލިހުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ކ. ހިންމަފުށީ ނެރު ކައިރިން ދޯންޏެއްގެ އިންޖީނު ހުއްޓިގެން ކޯސްޓްގާޑަށް މިރޭ 10:04ގައި ރިޕޯޓުކޮށްފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް މާލޭ އޭރިއާ ސްކޮޑްރޮން އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"ރިލެކްސް މާލިން" ނަމަކަށް ކިޔާ 45 ފޫޓުގެ އެ ދޯންޏަކީ ނައިޓް ފިޝިންގއަށް ނުކުމެ އުޅުނު ދޯންޏެއް ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެ ދޯނީގައި އަށް އަންހެނުންނާއެކު ޖުމްލަ 20 ދިވެހިން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ މަސްބާނަން ނުކުމެ އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން ނަގިލި ކަހާތީ ހިންމަފުށީ ފަރަށް ލައްގަމުންދާ ކަމުގެ މައުލޫމާތު މިރޭ 10:00 ހާއިރު ލިބުމާ ގުޅިގެން މެރިން ޕޮލިހުން އެހީތެރިވެފައިވާ ކަމަށާއި އެ ދޯނީގައި ތިބި 20 މީހުން ކޯސްޓުގާޑުގައި މިހާރު މާލެ ގެންނަ ކަމަށެވެ.