ޚަބަރު

ސިއްހީ ހިދުމަތްތައް ފުޅާކުރަން ކުވެއިތު ފަންޑުން ދިން އެހީ ވަނީ އަނބުރާ ގެންގޮސްފައި: މިނިސްޓަރު

އިބްރާހިމް ޒަކީ

ރާއްޖޭގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުވެއިތު ފަންޑުން ދިން އެހީ އަނބުރާ ގެންގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބުދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ބައެއް ރަށްރަށުގައި އިމާރާތްކުރަން ނިންމާފައިވާ ހޮސްޕިޓަލްތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުވެއިތު ފަންޑުގެ އެހީ އަނބުރާ ގެންދިއުމުގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

އެޖަވާބާ ގުޅިގެން، އަނބުރާ ގެންދިޔައީ ރާއްޖޭގައި ޓާޝަރީ ހޮސްޕިޓަލް ހަދަން ކުވެއިތު ފަންޑުން ދިން އެހީތޯ، ކެޔޮދޫ ދާއިރާގެ މެންބަރު ހާސަން ގާސިމް، މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.

އެސުވާލާ ގުޅިގެން މިނިސްޓަރު ހަލީލު ވިދާޅުވީ، އަނބުރާ ގެންގޮސްފައި ވަނީ އެ ފަންޑު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޖަވާބު ރަނގަޅު ކުރައްވަައި މިނިސްޓަރު ވިދާޅުވީ، އެއީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުވެއިތު ފަންޑުން ދިން އެހީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ށ. މިލަންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލާއި އެހެން ބައެއް ހޮސްޕިޓަލްތައް ހަދަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިލަންދޫގައި އިމާރާތް ކުރަން ކުރީގެ ސަރުކާރުން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި އޮތީ ވެސް ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓައިލުމުން ކަމަށެވެ. އަދި ވެލިދޫގައި ހަދަން ނިންމި 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ވެސް އެގޮތުގެމަތިން ހުއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، ކުވައިތު ފަންޑުގެ އެހީ އަލުން ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.