މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އަތޮޅު ކައުންސިލާއި ތިނަދޫ ކައުންސިލާއި މަޑަވެލި ކައުންސިލާއި އަދި ހޯޑެއްދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު ގދ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި، ކައުންސިލުތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކައުންސިލްތަކާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، މަސައްކަތުގައި ދެފަރާތަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ކުށް މަދު ކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ކުށް މަދުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް ކައުންސިލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.
މީގެ އިތުރުން މަޑަވެލީ ކައުންސިލާއި ހޯޑެއްދޫ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އެ ދެރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމާ ގުޅޭގޮތުންނާއި ރަށު ތެރޭގައި ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފާއި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި ފުލުހުންގެ އެކްޒެކެޓިވް ބައެއް އޮފިސަރުންނާއި ގދ. އަތޮޅު ކައުންސިލް މެންބަރުންނާއި ގދ. ތިނަދޫ ކައުންސިލް މެންބަރުންގެ އިތުރުން މަޑަވެއްޔާއި ހޯޑެއްދޫ ކައުންސިލް މެންބަރުން ބައިވެރިވެފައިވެއެވެ.