ޚަބަރު

ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފި

އަލީ އިހްސާން

ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިން ނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމުގައެވެ.

އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ދަންނަވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންޖެހެއެވެ.