ޚަބަރު

އައިވީއެފްގެ ފަރުވާއަށް ދައުލަތުގެ އެހީއަށް އެދި ހުށަހަޅަން ހުޅުވާލައިފި، މި އަހަރު 100 ދެމަފިރިންނަށް

އައިވީއެފްގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އައިވީއެފް ފަރުވާ ހިމެނޭހެން ދަރިމައިވުމުގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެ ވައުދުގެ ދަށުން އެންސްޕާ އިން ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމު މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލެއް އާންމުކޮށްފައެވެ.

އެންސްޕާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އައިވީއެފްގެ ފަރުވާއަށް އާސަންދަ ބޭނުންވާ މީހުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އަދި ޝަރުތު ހަމަވާ މީހުންގެ ތެރެއިން މި އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައި ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް ބުންޏެވެ.

އައިވީއެފްގެ ފަރުވާއަށް ދައުލަތުގެ އެހީއަށް އެދި ހުށަހަޅަންޖެހޭ ގޮތް:

  • އެކަމަށް ހުށަހަޅަންޖެހޭ ފޯމު އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކުންނާއި ދެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ
  • ފޯމު ހުށަހަޅަންޖެހޭނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާގެ ކައުންޓަރަށް
  • އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް ނުވަތަ ވައިބާ މެދުވެރިކޮށް ނަމަ 7291402 އަށް
  • އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ

އެންސްޕާ އިން ބުނީ އެ އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ފޯމު ފުރިހަމަކަން ނުވަތަ އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރީއާއިން ހުށަހެޅި މީހަކަށް އަންގާނެ ކަމަށެވެ.

އަދި ފޯމު ފުރިހަމަކުރުމަށްފަހު އެޖެންސީއަށް ފޯމު ބަލައިގަންނަތާ ރަސްމީ 15 ދުވަހުގެ ތެރޭގައި ޝަތުރުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން އަންގާނެ ކަމަށް ބުންޏެވެ.

އެންސްޕާ އިން ބުނީ، ފޯމު ހުށަހެޅުމަށް ހުޅުވާލާ މުއްދަތު ހަމަވުމުން ރަސްމީ 30 ދުވަހުގެ ތެރޭގައި އައިވީއެފްގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު މީހުންނަށް އެކަން އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި އެ މީހުންގެ ޒާތީ މައުލޫމާތު ހާމަނުވާނެ ގޮތަކަށް އެ ލިސްޓު އާންމުކޮށް ޝާއިއު ކުރާނެ ކަމަށްވެސް ބުންޏެވެ.