މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ހާއްސަ އެޕް، "ރަސްއައިން" އިފްތިތާހުކޮށްފިއެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި "ރަސްއައިން" އެޕް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރަސްއައިންގެ ނަމުގައި އަލަށް ތައާރަފުކުރި އެ މޯބައިލް އެޕަކީ ރާއްޖޭގެ މަސްވެރިންނަށާއި، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރަށާއި، އަދި ކަނޑުން ނަފާ ހޯދުމުގައި ހަރަކާތްތެރިވާ އެކިއެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެޕެކެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކޯސްޓްގާޑުން ކުރާ މަސައްކަތުގައި މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން އެ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
އެންޑްރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން ނެރުނު އެ އެޕް މެދުވެރިކޮށް މަސްވެރިންނަށާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ލިބިގެންދެއެވެ. އެގޮތުން އެ އެޕްގައި ރާއްޖޭގެ މެޕާއެކު މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއަރަލޮޖިކަލް ސާވިސް އިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިންމު މައުލޫމާތުތައް ހިމަނާފައި ހުރެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ރާއްޖޭގެ މަގުބޫލު ޑައިވް ސައިޓްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި މީހުންނާއި މުދާ އުފުލުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް އެ އެޕުން ފަސޭހަތަކެއް ލިބިގެންދެއެވެ.
އޭގެ އިތުރުން އެ އެޕުން މަސް ކަނދުފަތިތައް އަޅާފައިވާ ސަރަހައްދުތަކާއި އެހެނިހެން ވަސީލަތްތަކުން އެއްކުރާ މަސް ހުންނަ ތަންތަނުގެ މައުލޫމާތުތަކާއި، ރާއްޖޭގެ ކަނޑުތަކުގެ ދިޔަވަރާއި އޮއިވަރުގެ މައުލޫމާތު ފެންނަން ހުރެއެވެ. އޭގެ ސަބަބުން މަސްވެރިންނަށް މަސްއައިންތައް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދެއެވެ.
އެ އެޕްގެ ތިންވަނަ ޓެބް މުއާސަލާތީ ހަބެއްގެ ގޮތުގައި ހާއްސަކުރެވިފައިވާ އިރު، އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތްތަކުގައި ފޮނުވާ ޑިސްޓްރެސް ކޯސްޓްގާޑުގެ ޕުޝް މެސެޖުތައް ވެސް އެ ޓެބްގައި ފެންނަމުންދާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ލޯންޗުކުރެވުނު އެޕްލިކޭޝަނުން ޑްރޯންތަކުގެ ވެސް އެހީއާއެކު، މަސްއައިންތައް ވެސް ރިއަލް ޓައިމްކޮށް ބެލޭނެ ކަމަށާއި އެ އެޕްލިކޭޝަންގެ ތެރެއިން ކޮންމެ ދުވަހެއްގެ ވެސް މަސް ދަތުރުކުރަމުންދާ މަސްއައިންތަކުގެ ސަރަހައްދު ހޯދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކެމްޕޭން ތެރޭގައި ދެންނެވިން މި ބިޔަބޮޑު ސަރަހައްދު އެބަޖެހެއޭ އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންކުރަން ފަށަން. ހާއްސަކޮށް މަސްވެރިކަމާއި ކަނޑުގެ އެކިކަހަލަ ރޯދި ހޯދުމުގައި. މި ބޮޑު ކަނޑަކީ ވަރަށް ރިސޯސް ގިނަ، ވަރަށް ގިނަ ބާވަތްތައް ހިމެނޭ، އަޅުގަނޑުމެންނަށް އެ ކަނޑުގެ އަޑީގެ ބޭނުން ގާނޫނީގޮތުން ހިފުމުގެ ހައްގު އޮތް ބޮޑު ސަރަހައްދަކަށްވާ އިރުގައި، މި ޔޫއޭވީތަކުގެ އެހީގައި ބެލެހެއްޓިގެންދާ އިރުގައި، އަޅުގަނޑުމެން މި ބޭނުންވާގޮތަށް މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް ބަނދެ، މަސްވެރިކަން މި ބޮޑު ސަރަހައްދަށް ފުޅާވެގެންދިއުމަކީ އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ސިޔާސަތަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި މިހާރު ގެންގުޅޭ ސައިޒަށްވުރެ ބޮޑު، އަދި ފެންވަރަށްވުރެ ވެސް މަތީ ފެންވަރުގެ މަސްދޯނިތައް ބަނދެ، މި ބިޔަބޮޑު ސަރަހައްދުގައި މަސްއައިންތައް އުޅޭ ސަރަހައްދުތައް އެނގެން ފެށީމާ ނުކުމެ މަސްވެރިކަންކޮށް، އެކިކަހަލަ އޯޝަން ރިސޯސަސްތަކުގެ ފުރިހަމަ ބޭނުން ހިފަން ފެށިގެންދާނެ ކަމަށެވެ.