ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ނުވަތަ ޑްރޯން ބޭނުންކުރަން ފެށުމުން، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވެފައިވާ ކަމަށާއި ގައުމުގެ މިނިވަންކަން އަމިއްލައަށް ބެލެހެއްޓޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއާ ކޯ އިފުތިތާހުކޮށް، ޑްރޯން ބޭނުން ކުރަން ފަށައިފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ވައިގެ ފޯސްއެއްގެ ތާރީހެއް އޮތް ނަމަވެސް، އެ ހިދުމަތް ފޯރުކޮށްދިނުމުގައި ބަރޯސާވަން ޖެހިފައިވަނީ ބޭރު ބަޔަކަށް ކަމަށެވެ. ނަމަވެސް ޑްރޯން ބޭނުންކުރަން ފެށުމާއެކު އެ ހިދުމަތް ފޯރުކޮށް ދިނުމުގައި އެހެން ބަޔަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނަ މިނިވަން ދިދައަށް ވިހުރިލަން ލިބޭ ހިތްވަރާއި ބާރެއް. މިއީ ދިވެހިންނަށް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމާއި އެ ގާބިލުކަން ދިވެހިންނާއި އަސްކަރިއްޔާގެ ކިބައިގައި އެބަހުރިކަން އެނގި، ހާމަވެގެންދާނެ ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިރެއަކީ 4،000 އަހަރުވީ މިނިވަން ރާއްޖޭގެ ފަހުރުވެރި ތާރީހުގައި އެއާ ކޯ އުފެދިގެން ދިޔަ ތާރީހީ ރޭ ކަމަށެވެ. ރާއްޖޭގެ ކަނޑުތަކުން ލިބޭ ނަފާތަކުން ކައިބޮއިގެން ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެއާ ކޯ އަދި ޑްރޯންއާއެކު އިތުރަށް ރައްކާތެރި ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ ކޯ އުފެއްދުމަކީ ކާބަފައިން، އެ މީހުންގެ ލެެއާ ފުރާނައިން މި ގައުމަށް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހައްގުގައި ވެސް އެޅިގެން ދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.