ޝަރީއަތުގައި ކުރިއަށްދާ މައްސަލަތަކާބެހޭގޮތުން، މައްސަލަ ކުރިއަށްދާ އެކި މަރުހަލާ ތަކުގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ސްޓޭންްޑް އެކި ގޮތްގޮތަށް ތަފާތުވަމުންދާ މައްސަލައިގައި، ފިޔަވަޅު އެޅިދާނެކަމަށް ބުނެ ހައިކޯޓުން ޕީޖީއަށް އިންޒާރު ދީފިއެވެ.
ހައިކޯޓިން މި އިންޒާރު ދީފައިވަނީ، ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގެ ތެރެއިން ދައުވާ ކޮށްފައިވާ، ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ތިހާމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައެވެ.
މިއަދުގެ އަޑުއެހުމުގައި ހުކުމް އިއްވުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މުހައްމަދު ނިޔާޒު، ވިދާޅުވީ، ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށް ފަހު، އިސްތިއުނާފު މަރުހަލާތަކުގައި ދަށު ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ދައުލަތުގެ ސްޓޭންޑް ބަދަލު ކުރުމުގެ ވިސްނުމެއް އެބަ އޮތްތޯ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވި އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ އެ މައްސަލައިގައި، ޕީޖީއިން ވަކާލަތު ކުރަނީ އެންމެ ފުރަތަމަ ވެސް މައްސަލަ ހުށަހެޅި ނުކުތާތަކުގެ މައްޗަށް ކަމަށާއި، މައްސަލައިގަ އިތުރު ސްޓޭންޑެއް ނެތް ކަމަށެވެ.
އެއަށްފަހު ފަނޑިޔާރު އެއްސެވީ، ދަށު މަރުހަލާތަކުގައި ވަކި ގޮތަކަށް ވަކާލާތު ކުރުމަށްފަހު އެއަށްވުރެ މަތީ މަރުހަލާތަކަށް ގޮސް ސްޓޭންޑް ބަދަލު ކުރުމަކީ ޕީޖީ ކުރާ ކަމެއްތޯ އެވެ؟ ޖަވާބުދެއްވަމުން ނައުޝާދު ވިދާޅުވީ އެގޮތަށް ސްޓޭންޑް ބަދަލު ނުކުރާ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ޕީޖީން ސްޓޭންޑް ބަދަލު ކުރެވޭކަން ފާހަ ކުރެވޭ ކަމަށާއި، އެކަން އެގޮތަށް ކުރާ ނަމަ އެއީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެގޮތަށް ޕީޖީ އަމަލު ކުރައްވާނަމަ، އެކަމަނާއަށް ތައުދީބީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހައިކޯޓުން މިހެން ވިދާޅުވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި ޕީޖީ ވަނީ ސްޓޭންޑް ބަދަލު ކުރައްވައިފައެވެ. ކުރިމިނަލް ކޯޓާއި ހައިކޯޓުގައި ޕީޖީ ވަނީ އެ މައްސަލަ ސާބިތު ކުރަންޖެހޭ ގޮތަށް ވަކާލާތު ކުރައްވައިފަ އެވެ.
ނަމަވެސް އެ މައްސަލަ އަދީބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި ޕީޖީން ވަނީ ކުރިމިނަލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ ހުކުމް ގޯސް ކަމަށް ވިދާޅުވެފައެވެ. އެ ހުކުމް ގޯސްކަން އެނގިވަޑައިގަތީ ހެކި ދިރާސާ ކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންވެ ޕީޖީގެ ވަކީލުން އެދިވަޑައިގެންފައި ވަނީ އެ ހުކުމް ބަދަލުކޮށް ދެއްވުމަށެވެ.
ނަމަވެސް އެ މައްސަލައިގައި ކުރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް އިއްވީ ޕީޖީ ހުށަހެޅުއްވި ހެކިތަކާއި ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޖީ އައިޝަތު ބިޝާމް ކުރެއްވި ބައެއް ދައުވާތައް މިހާރުގެ ސަރުކާރު އައި ފަހުން ވަނީ އަނބުރާ ގެންދަވައިފައެވެ. އަދި ބައެއް ދައުވާތަކަށް ބަދަލުވެސް ގެންނަވާފައިވެއެވެ.