އެއާ އެމްބިއުލާންސްގެ އުދުހުންތަކަށް ބޭނުންކުރަން ހަމަޖެހިފައިވާ ސީޕްލޭންގެ ހިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.
ސީޕްލޭންގެ އޮޕަރޭޝަންތައް މާދަމާ ފަށާނެ ކަމަށް މޯލްޑިވިއަންގެ ކޮމިއުނިކޭޝަންސް އޮފިޝަލު "ވަން" އަށް މިއަދު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ މޯލްޑިވިއަނުން މިހާރުވެސް ބޭނުންކުރަމުން އަންނަ ޓުވިން އޮޓާ ސީޕްލޭނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާ އެމްބިިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ސީޕްލޭންގެ ފޮޓޯއެއް އެކްސްގައި މިއަދު ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރާނީ ދުވާލުގެ ގަޑީގައި އެކަންޏެވެ. އަދި އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއްވެސް ބޭނުންކުރަނީ ކޮންމެ ރަށަކަށްވެސް ކައިރިކޮށްލެވޭނެތީ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މި މަހުގެ އެއް ވަނަ ދުވަހު އެ ހިދުމަތް ވަނީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓަކާއެކު ފަށައިފައެވެ. އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު އެ ރޭ ކުރީ ކުޅުދުއްފުށި ސިޓީއަށެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން 15 ސިއްހީ ހިދުމަތްތެރިއަކު ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން ފަސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.