އއ. ތޮއްޑޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެމަނިކުފާނަށް ތިން ކަރާ ހަދިޔާ ކޮށްފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތޮއްޑޫ ކައުންސިލަރުންވަނީ ކުރިއަށް މިއޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެ ގެންނަ ތަކެތި ބެހެއްޓޭނެ، އަދި ވިޔަފާރިކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ގާއިމްކޮށްދެއްވުމަށް އެދިފައެވެ.
އަދި ތޮއްޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
އެގޮތުން ތޮއްޑޫ ކައުންސިލުން ވަނީ، ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ މަގުތަކުގެ ހާލަތު ގޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާކުރައްވައިފައެވެ.
މީގެ އިތުރުން ރަށުގައި ބޭންކުގެ ހިދުމަތާއި، ފުލުހުންގެ ހިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދި ވަޑައިގެންނެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތޮއްޑޫ ކައުންސިލުން އެދުނު ކަންކަމުގައި، ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.