އިބްރާހިމް ޒަކީ
ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށާއި ރާއްޖޭން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޖެނީވާގައި ހުންނަވާ އދ. އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައި ވަނީ މ. ވިލާދޮށުގެ/ ޑރ. ސަލްމާ ރަޝީދުގެ ނަމެވެ. ސިންގަޕޫރު ސަފީރުކަމަށް ފޮނުއްވާފައި ވަނީ މއ. ދިލާސާގެ/ މުހައްމަދު ލުވެއިޒްގެ ނަމެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު އިއްވުމުން، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވިއެވެ.