ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ހަދިޔާކުރަމުން އަންނަ ކާޑުގެ ބާވަތްތައް މިއަދުން ފެށިގެން ބަހާނީ ރޭގަނޑު އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސަރުކާރުގެ ރޯދަ ހަދިޔާ ބަހާ ގަޑިއަށް ބަދަލު ގެނައީ ދުވާލު ވަގުތުގައި ތަކެތި ބަލާ ދާން ރައްޔިތުންނަށް ދަތިވާތީ ކަމަށެވެ.
އެގޮތުން ކުރީން ހެނދުނު 9:30 އިން މެންދުރު 1 އަށް މުދާ ދޫކުރި ނަމަވެސް މިއަދުން ފެށިގެން މުދާ ދޫކުރާނީ ރޭގަނޑު 9 އިން 12 އަށެވެ.
ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ދޫކުރަން ފެށީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ. އެ މުދާ ދޫކުރަނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހުއެވެ.