ޝެއިޚް އަލީ ޒައިދު

ކަންފަތް ފެންނަގޮތަށް ބުރުގާ އެޅުން ބަލައިގަނެވޭކަށް ނެތް، ބޮން އޮތީ ދަބަހުގައި ދަބަސް މަނާކުރޭ: ޒައިދު

ސްރީލަންކާގައި ކަންފަތް ފެންނަ ގޮތަށް ބުރުގާ އެޅުން އަމުރުކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަންފަތަކީ ހިލާފެއް ނެތް ގޮތުގައި އައުރައެއް ކަމަށެވެ.

އޭނާ ވިދާޅުވީ މީގެން ފެނިގެންދަނީ ޓެރަރިސްޓުން ނުބައި އަމަލާއެކު ބުޑިސްޓުން މުސްލިމުންނަށް ހަސަދަ ފިލުވާތަން ކަމަށެވެ.

އަދި ބޮން އޮތީ ދަބަހުގައިކަން ފާހަގަކުރައްވައި ޒައިދު ވަނީ ދަބަސްވެސް މަނާކުރުމަށް ގޮވައިލައްވައިފައެވެ.

މިމަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އިއްޔެ ވަނީ އެގައުމުގައި މޫނު ބުރުގާ އެޅުންވެސް މަނާކޮށްފައެވެ. އަދި ބުރުގާ އަޅާ މީހުން ކަންފަތް ފެންނަގޮތަށް ބުރުގާ އެޅުމަށް މިހާރުވަނީ އަންގާފައެވެ.

މޫނު ބުރުގާ އެޅުން ނުވަތަ މޫނު ނިވާކޮށްގެން އުޅުން މަނާ ކުރީ އެ ހަމަލާގެ ފަހަތުގައި ތިބި، އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް ދާތީ، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ.

ރައީސް މައިތިރިޕާލަ ސިރިސޭނަ މިގޮތަށް ނިންމަވާފައިވަނީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމަށް ސަލަމާތީ ބާރުތަކުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލަންކާގައި ދިން ޖާނުންފިދާވުމުގެ ހަމަލާތައް ދީފައިވަނީ އެހަމަލާދިން މީހާގެ ބުރަކަށީގައި އަޅުވާފައިވާ ދަބަހުގައި ގޮވާތަކެތި ބަހައްޓައިގެންނެވެ.