ޔޫއެފާ ޗެމްޕިއަންސް ލީގު

ބަޔަކު ގަބޫލުނުކުރިޔަސް ބާސާ އޮތީ ޔޫރަޕްގައި ވާދަކޮށްލެވޭ ފެންވަރުގައި: ޒަވީ

ބާސެލޯނާ އޮތީ ޔޫރަޕުގައި ވާދަކޮށްލެވޭ ވަރަށްވުރެ ހާލަތު ގޯސްކޮށް ކަމަށް ބުނާ ބަޔަކަށް ޓީމުގެ ފެންވަރު ރޭގެ މެޗުންވެސް ފެންނާނެ ކަމަށާއި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި 3-1 އިން ނަޕޯލީ ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރުސަތު ހޯދީ އެގްރިގޭޓް 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސާގެ ޒުވާން ކުޅުންތެރިންގެ ތަފާތު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ އިރު، ޒަވީ ވަނީ މެޗަށްފަހު އެ ކުޅުންތެރިންގެ ތަފާތަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޕައު ކުބާސީއަށް ޒަވީ ވަރަށް ބޮޑަށް ތައުރީފު ކުރިއެވެ.

އޭގެ އިތުރުންވެސް ޒަވީ ވަނީ އޭނާއަށާއި ބާސާއަަށް ބަޔަކު ކިޔަމުންދާ ނުހައްގު ފާޑުކިޔުންތަކަށް އަމާޒުކޮށް، އެކަމަށް ރައްދު ދީފައެވެ. 2019-20 ވަނަ އަހަރުގެ ސީޒަނަށްފަހު ބާސާއިން އަލަށް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ޒަވީ ބުނީ އަބަދުވެސް ދައްކަމުން މިދާ ވާހަކައަކީ ބާސާގެ ބަދަހިކަމުގެ ވާހަކަ ކަމަށާއި، ޒުވާން ޖީލެއް ބިނާކުރެވި ފެންވަރު ރަނގަޅު ފުޓުބޯޅައެއް ކުޅެވޭކަމުގެ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިން އެކަން ގަބޫލުކުރި ބަޔަކު ނެތް ކަމަށް ޒަވީ ބުންޏެވެ.

"ބަޔަކު އެބަތިބި އަހަރެން ދައްކާ ވާހަކަ ގަބޫލުނުކުރާ ބައެއް. އެމީހުން އެބަ ބުނޭ އަހަންނަށް ބާސާ ޓީމުގެ ކޮންޓްރޯލް ގެއްލި، ޓީމު ބައިބައި ވެއްޖޭވެސް. އެހެންވިޔަސް މިއަދު އަހަރެމެން މި ދައްކައިދިނީ މި ޓީމަކީ ޔޫރަޕްގައި ވާދަކުރެވޭނެ ޓީމެއްކަން. ބޯޅައާ ނުލާވެސް ބޯޅައާއެކުވެސް ޓީމުން މަސައްކަތް ކުރީ ފުރިހަމައަށް،" ކުޅުންތެރިއެއްގެ ގޮތުގައި ބާސާއާއެކު ޗެމްޕިއަންސް ލީގު ހޯދި، ކޯޗު ޒަވީ ބުންޏެވެ.

ބާސާއަށް މިދިޔަ ދެތިން ސީޒަނެއްގައި ޗެމްޕިއަންސް ލީގުގައި ނަތީޖާ ނެރެން އުނދަގޫތަކެއް ދިމާވެފައިވާ އިރު، މުހިއްމު ބައެއް ކުޅުންތެރިންނާ ނުލައި ނަޕޯލީ ކަޓުވާލެވުން ވާނީ ކާމިޔާބީއަކަށެވެ. ރޭގެ މެޗަށް ބާސާ ނުކުތީ ފްރޭންކީ ޑި ޔޮންގާއި ޕެޑްރީގެ އިތުރުން ގަވީވެސް ނުލައެވެ.