ލިވަޕޫލާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، މެންޗެސްޓާ ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން، މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 30 އަހަރުގެ އެޑަސަންއަށް އަނިޔާވީ ލީގުގައި އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި، ލިވަޕޫލްގެ ފޯވަޑް ޑާވިން ނުނިއޭޒް ފަޔަށް ކުރި ޓެކުލަކުންނެވެ. އެ ޓެކުލަށް ލިވަޕޫލަށް ޕެނަލްޓީއެއްވެސް ލިބިފައިވާ އިރު، މެޗުގައި އެޑަސަންގެ ބަދަލުގައި ސިޓީގެ ގޯލު ބަލަހައްޓަން ފަހުން ނުކުތީ ސްޓެފަން އޮރިޓޭގާއެވެ.
އެޑަސަން ފައިގެ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ހަތަރު ހަފުތާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭ އިރު، އޭގެ ސަބަބުން ސިޓީން އާސެނަލާ ދެކޮޅަށް މިމަހުގެ 31 ވަނަ ދުވަހު ކުޅެން އޮތް މެޗާއި، އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗުވެސް ގެއްލޭނެއެވެ. އެ މެޗުތައް އިންޓަނޭޝަނަލް ބްރޭކްގެ ފަހުން އޮތް އިރު، އެޑަސަންއަށް ބްރެޒިލާއެކު އިންޓަނޭޝަނަލް ބްރޭކްވެސް ގެއްލޭނެއެވެ.
އެޑަސަންގެ އަނިޔާގެ ތަފްސީލު ބެލުމަށްފަހު، ސިޓީން ވަނީ ބްރެޒިލަށް އަނިޔާގެ ތަފްސީލު ހިއްސާކޮށްފައެވެ. އަދި ކުރިއަށްއޮތް ބްރެޒިލްގެ މެޗުތައް ކުޅުމަށް އެޑަސަންއަށް ދެވެން ނެތް ކަމަށްވެސް މިހާރު ވަނީ އަންގައިފައެވެ.