ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފަށްވެސް މަޖިލީހަށް ގާނޫނު ހެދޭނެ: އަލީ ހުސެއިން

އިބްރާހިމް ޒަކީ

ގާނޫނުތައް ހެދުމުގެ އެންމެހާ ބާރުތައް ލިބިފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، ސުޕްރީމް ކޯޓުން އަދި އެހެން ކޯޓަކުންވެސް ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެެވެ.

ހުސްގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް އެ މާއްދާ ކޯޓުން އުވާލާފައި ނުވާތީ މަޖިލިސް ތަޅުމުން އެ މާއްދާ އުވާލުމަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން އަލީ ހުސެއިން މިއަދު ވިދާޅުވީ، ނެތް އެއްޗެއް ހުރި އެއްޗަކަށް ބަަލައިގެން ވިސްނާނެގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓާއި ކޯޓުތަކަކީ ކީއްކުރާ ތަނެއްކަން ސާފުވާން އެބަޖެހޭ ކަމަށެވެ.

"ކޯޓުތަކަކީ ގާނޫނު ހަދާ ތަނެއް ނޫން، ގާނޫނު ހެދުމުގެ ބާރު ކޯޓުތަކަކަށް ނޯންނާނެ. ކޯޓަށް އޮންނަ ހަމައެކަނި ބާރަކީ ގާނޫނު މާނަކުރުުގެ ބާރު، ގާނޫނުގައި ވަކިއެއްޗެއް ލިޔެފަ އޮތީމަ އެ ގާނޫނު މާނަކުރާނީ ކިހިނެއްތޯ އެކަން ކުރުމުގެ ބާރު ކޯޓަށް އޮންނާނެ. އަދި ކޯޓަކުން ވަކިކަމެއް މާނަ ކުރުމަށްފަހުގައިވެސް އަދި ގާނޫނުގައިވާ ކަމެއް، ވަކިން ހާއްސަކޮށް ގާނޫނުއަސާސީގައިވާ ކަމެއްވެސް ވަކި ގޮތަކަށް މާނަ ކުރުން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަމެއް ކޯޓުން މާނަކުރި ގޮތާ ހިލާފަށް ވެސް ގާނޫނެއް ފާސްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ހުކުމެއް އަދި އަމުރެއް ކޮށްފިނަމަ، އެކަމެއްް ތާއަބަދަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބައިންޑްވާނެ ކަމަށް ބައެއް މީހުން ދެކެވަޑައިގަންނަވާ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. މަޖިލިސް ކޮމިޓީތަކުގެ އިދާރީ ބައެއް މުވައްޒަފުންވެސް އެގޮތަށް ގަބޫލު ކުރައްވާ ކަމަށާއި، މަޖިލީހުން ތާއަބަދު އެއަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އަދި އެއާހިލާފަށް މަޖިލީހަށް ގާނޫނެއް ނެހެދޭނެކަމަށް އެ ފަރާތްތަކުން ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލިސް ކަމަށާއި، ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ގަވާއިދުތައް ހެދުމުގެ ބާރުވެސް ހަގީގަތުގައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ހަގީގަތަކީ ރާއްޖޭގައި ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތައްވެސް އެބަޖެހޭ މަޖިލީހުން ފާސްކުރަން، މަޖިލީހުން ފާސްކޮށްގެން ނޫނީ އެއްވެސް ގަވާއިދަކަށްވެސް އަމަލު ނުކުރެވޭގޮތަށް، އަދި ޔޫކޭގައި އޮންނަގޮތަށް ނެގެޓިވް މޯޝަންއަކުންވިޔަސް ގަވާއިދުވެސް އެބަ ހަދަންޖެހޭ، ދަންނަވަން މިއުޅޭ ވާހަކައަކީ މި ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދޭނެއޭ ސުޕްރީމް ކޯޓުން އަދި އެހެން ކޯޓުތަކުން ވަކި ގޮތަކަށް ނިންމާފައި އޮތަސް އެގޮތާ ހިލާފަށް ވެސް،" އަލީ ހުސެއިން ވިދާޅުވިއެވެ.