ޝެއިހު ފަޒްލޫން ރަޝީދަށާއި ޝެއިހު އާދަމް ނިޝާނަށް ދީނީ ދަރުސް ދިނުމުގެ ހުއްދަ އަލުން ދީފިއެވެ.
އެ ދެ މީހުންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް އުފެއްދި ހަމަނުޖެހުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ނިޝާން އާއި ފަޒްލޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ކޮށްފައެވެ.
ނިޝާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ހިފަހައްޓާފައިވާ އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި ސަރުކާރުން ވއިއްޔެ އަނބުރާ ދޫކޮށްފައިވާ ކަމަށެވެ. ހުއްދަ އަނބުރާ ދޫކުރެއްވީތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ސައީދަށް ޝުކުރު އަދާކުރައްވާ ކަމަށް ނިޝާން ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ފަޒްލޫންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް އިއްޔެ އަލުން އަނބުރާ ދޫކޮށްފައިވާ ކަމަށެވެ.
ނިޝާނާއި ފަޒްލޫންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފަށައި އެ ދެ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް ކުރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ދީފައެވެ. އޭގެ ފަހުން ޝަރީއަތެއް ބާއްވައިފައެއް ނުވެއެވެ.
ދައުލަތުން އެ ދެ މީހުންގެ ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ 18 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫނާއި ނިޝާންގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.