އުރީދޫ

އުރީދޫ ކަލާ ރަން މިފަހަރު އައްޑޫ ސިޓީގައި

މަރިޔަމް ޝަހުދާ

މި އަހަރުގެ އުރީދޫ ކަލާ ރަން އައްޑޫ ސިޓީގައި ބޭއްވުމަށް އުރީދޫއިން ނިންމައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން މިކަން އިއުލާނުކޮށްފައި ވަނީ އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރު ނަޖީބް ހާން އެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ގުޅިގެން މިއަހަރު އުރީދޫ ކަލާ ރަން ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާއިރު، މި އަހަރުގެ ރަން ބާއްވަން ނިންމާފައިވާ ތާރީޚަކީ ޖޫން 21އެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވެސްވަނީ ވާހަކަދައްކަވާފައެވެ. މަހުލޫފް ވިދާޅުވީ ހުރިހާ ކަމެއް މާލޭގައި ހިންގުމުގެ ބަދަލުގައި އެހެން ރަށްރަށުގައިވެސް ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި ކަލާ ރަން އާއެކު ކުރިން ފުރުސަތު ނުލިބޭ އެތައް ބަޔަކަށް ފުރުސަތު ތަނަވަސް ވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސެއިން ނިޔާޒް އުރީދޫ ކަލާ ރަންއާ ގުޅޭ ގޮތުން މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވަނީ އިތުރު މައުލޫމާތު ދެއްވައިފައެވެ. ނިޔާޒް ވިދާޅުވީ ވަރަށް އަވަހަށް އުރީދޫ ކަލާ ރަންއަށް އޮންލައިންކޮށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ. އަދި އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ކަލާ ރަންވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ ހުޅުމާލޭގައިވެސް ކަލާ ރަން ކުރިއަށް ގެންދިޔަ ގޮތަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.