އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ ރަމަޟާން މަހު އިސްރަށްވެހިންނަށް ހާއްސަ ކެމްޕޭނުތަކެއް ހިންގުމަށް ހަމަޖައްސައިފިއެވެ.
އުރީދޫގެ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ރޯދަމަހު އިސްރަށްވެހިންނަށް ހާއްސަކޮށް އެކި ކެމްޕޭނުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި، އިސްރަށްވެހިންނަށް ހާއްސަކުރި ސީއެސްއާރު ޕްރޮގްރާމް "އިސްރަށްވެހިންނާއެކު"ގެ އެކި ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖޭގެ އުތުރުން ދެކުނަށް ބާއްވާ ރޯދަވިއްލުމާއި ހަދިޔާ އަދި ރޯދަ ޕްރޮމޯޝަންތަކާއި، މިއަހަރުގެ ރަމަޟާން މަސް އިސްރަށްވެހިންނަށް ހާއްސަކުރި ސަބަބަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބޭ އެކަނިވެރި އިސްރަށްވެހިންގެ މުހިންމުކަން މުޖުތަމައަށް އަންގައިދިނުމަށް ކަމަށާއި އެކަމަށް މިއަދުގެ ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ބޭނުންވާތީ ކަމަށް އުރީދޫން ބުންޏެވެ.
"ރޯދަމަހަކީ އެ މަހެއްގައި އެކަކު އަނެކަކަށް މައާފުކުރުމާއި އެ މަހެއްގައި ގުޅުންތައް ބަދަހިކުރުމުގެ މަހެއްކަމުގައި ﷲ (ޞ) ވަތައާލާ ލައްވަފާވާފައިވާ މަހެއް، އެ މަހެއްގައި އާއިލީ ގުޅުންތައް ބަދަހިކުރާ މަހެއް. އަޅުގަނޑު މުސްލިމަކަށްވެފައި ބަރަކާތްތެރި ރަމަޟާން މަސް ރާއްޖޭގައި ހޭދަކޮށް، އެ މަހެއްގެ އަޅުކަންތައް އަދާކުރުމަށް ލިބޭތީ ވަރަށް އުފާވޭ. އުރީދޫއިން މަސައްކަތް ކުރަނީ ރޯދަމަސް އެކި ގޮތްގޮތުން ހާއްސަކުރުމަށް. މިއީ އަހަރުގައި އަންނަ އެންމެ ރީތި މަސް،" އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް މިދިޔަ އަހަރުގެ ރޯދަމަހު މަގުބޫލު ޕްރޮމޯޝަނެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ހަދިޔާފޮށި ޕްރޮމޯޝަން މިއަހަރު ވެސް ކުރިއަށްގެންދިއުމަށް އުރީދޫން ވަނީ ނިންމައިފައެވެ. އެ ޕްރޮމޯޝަންގައި އުރީދޫ ސުޕާއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު ހަދިޔާ ހިމެނެއެވެ. މިފަހަރުގެ ހަދިޔާތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗާ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.
އުރީދޫން ބުނީ ގައުމާއި، މުޖުތަމައު ކުރިއަރާފައިވަނީ އިސްރަށްވެހިންގެ މިންނެތް މަސައްކަތުން ކަމަށްވުމާއެކު، އެންމެން އެކަން ދަނެ، ގައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން، އަދި އެމީހުން ކުރި މަސައްކަތް ދެނެގަނެ، އުމުރުން ދުވަސްވީ ދުވަހު އަޅާލައި، އެކި ކަންކަމުގައި އެމީހުން ބައިވެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އުރީދޫން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްރޮމޯޝަންތަކާއި ގިނަ ހަދިޔާ ލިބޭނެ ކަންކަން ރާވައި ހިންގަމުންދެއެވެ.