އާންމު ދަތުރުފަތުރުގެ ނިޒާމުން މިދިޔަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް 80 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީން ބުނެފި އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހު މިއަދު ވިދާޅުވީ، އާންމު ދަތުރުފަތުރުގެ ނިޒާމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ސަބްސިޑީ ދީގެން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރާ ނަމަ ހަރުދަނާ ގޮތެއްގައި އަދި ދެމެހެއްޓެނިވި ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް ބަލާ އިރު، އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭ އާންމު ދަތުރުފަތުގެ ޚިދުމަތަކީ ވެސް ވަރަށް ހެޔޮ އަގުގައި، އަދި ރަނގަޅު ފެންވަރުގެ އުޅަނދުފަހަރުގައި ދޭ ޚިދުމަތެއް ކަމަށެވެ. އެހެން ނަމަވެސް، ދަތުުރުފަތުރުގެ ނިޒާމުން ކުންފުންޏަށް ލިބޭ ގެއްލުން ފޫބައްދަން ސަރުކާރުން ދެމުން އައި ސަބްސިޑީ، ނިމިގެން ދިޔަ ރައީސް ޔާމީންގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.
"އަސާސީ ޚިދުމަތްތައް ހުރިހާ ގައުމުތަކެއްގައި ވެސް ދެނީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން. އެހެން އެކަންކުރާ މައިގަނޑު ސަބަބަކީ ރައްޔިތުންނަށް ލުއި އަދި ރަނގަޅު ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ޓަކައި. ވިޔަފާރި އުސޫލުން އެފަދަ ޚިދުމަތްތައް ދޫކޮށްލައިފި ނަމަ އަގެއް ކޮންޓްރޯލެއް ނުވާނެ އަދި ޚިދުމަތުގެ ފެންވަރެއްވެސް ނުހިފެހެއްޓޭނެ." ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ރައްޔިތުންނަށް ބޭނުންވާ ދަތުރުފަތުރުގެ ޚިދުމަތް އެމްޓީސީސީން ދެނީ ކުންފުނީގެ ވިޔަފާރިއެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި އެކަން އެ ކުންފުނީން ކުރަނީ ސަރުކާރުން އެދިގެން، ރައްޔިތުންނަށް ދެމުން އަންނަ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަން އެމްޓީސީސީން ކުރަމުން އަންނަނީ ސަރުކާރުން ކޮންޓްރޯލުކޮށްފައި އޮންނަ އަގުތަކެއްގެ ތެރޭގައި އެ ރޭޓުތަކުގައި ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
"މިސާލަކަށް ބަލާ ނަމަ، ކާޑުގެ ސަބްސިޑީ ނުވަތަ ކަރަންޓަށް ދޭ ތެލުގެ ސަބްސިޑީ ދިނުން ސަރުކާރުން ހުއްޓާލައި އެކަން ވިޔަފާރި އުސޫލަށް ދޫކޮށްލައިފި ނަމަ ދެން ވާނީ ކިހިނެއްތޯ؟ އެފަދަ ކޮންމެ ޚިދުމަތަކީ އެތައް އެތައް މިލިއަނެއްގެ ގެއްލުމުގައި އެކަން ކުރާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް. އެ ގެއްލުން ކުންފުންޏަށް ފޫބައްދައިދެނީ ސަރުކާރުން. އެހެން އޮއްވާ ކުރީގެ ސަރުކާރުން 2016 ގެ ކުރީކޮޅު މި ކުރި ކަމަކީ އެމްޓީސީސީއަށް ސަބްސިޑީ ދިނުން ހުއްޓައިލީ. އެއަށްފަހު ކޮންމެ އަހަރަކު ވެސް މި ވަނީ މިލިއަނުން ގެއްލުން އެކަމަކު ސަރުކާރުގެ އެދުމާއެކު އަޅުގަނޑުމެން މި އަންނަނީ ޚިދުމަތް ފުޅާކުރަމުން ވަސީލަތްތައް ރަނގަޅުކުރަމުން." ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަބްސިޑީ ދިނުން ހުއްޓައިލި އިރު ވެސް ސަރުކާރުން ދެމުން އައީ ކޮންމެ މަހަކު ވާ ގެއްލުމުގެ ބައި އެކަނި ކަމަށެވެ. އެބައި ކަނޑައިލި ނަމަވެސް ރައްޔިތުންނަށް އެމްޓީސީސީން ދެމުން އަންނަ ދަތުރުފަތުރުގެ ޚިދުމަތަށް މެދުކަނޑައި ނުލައި ދެމުން އައިސްފައިވާ ކަމަށާއި އޭގެ ސަބަބުން ކޮންމެ މަހަކު އެތައް މިލިއަނެއް ގެއްލުން ވަމުން ގޮސް، މިއަދު ކުންފުނި އޮތީ މާލީ ގޮތުން ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތަށް ދެމުން އައި ސަބްސިޑީ ކަނޑައިލުމުގެ އިތުރުން، ކުރީގެ ސަރުކާރުން ވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކުންފުނި ވަރަށް ބޮޑަށް ބޭނުންކޮށްފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންނަށް މަންފާ ވާ ގޮތަށް ކަމެއް ހިންގައި ކުންފުންޏަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ވެސް ވައްދާފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ޖެހުނީ ހުރިހާ ކަމެއް އަލުން ފަށަން. މީ އެތައް ހާސް އާންމުރައްޔިތުންނެއް ވެސް ހިއްސާވާ ރައްޔިތުންގެ ވެސް ކުންފުންޏެއް. މިއަދުގެ ސަރުކާރުން ބޭނުންވޭ ކުންފުންޏަށް އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތުގައި ކަންކަން ގެންދަން. ކުންފުންޏަށް އަދި ރައްޔިތުންނަށް ގެއްލުންވާނެ ގޮތަކަށް ކަންކަން ވުމަކީ ރައީސް ސޯލިހު އެދިވަޑައިގަންނަވާ ގޮތެއް ނޫން." ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުން ލިބޭ ގެއްލުން ފޫބެއްދުމަށް އަލުން ސަބްސިޑީ ހޯދުމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާތައް ފެށިގެން ވަރަށް ބާރަށް ކުރިޔަށްދާ އެބަ ދާކަމަށާއި ރައީސް ސޯލިހު ވެސް ވަނީ އެކަމަށް ފެހި ސިގްނަލް ދެއްވާފައި ކަމަށެވެ. އެހެން ކަމުން އެކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީއަށް އާންމު ދަތުރުފަތުރުގެ ނިޒާމުން ލިބޭ ގެއްލުން ފޫބައްދަން ދެމުން އައި ސަބްސިޑީ ރައީސް ޔާމީންގެ ސަރުކާރުން ހުއްޓައިލި އިރު، މެދު އުތުރު ޕްރޮވިންސަށް ދަތުރުފަތުުރުގެ ޚިދުމަތް ދިނުމުގެ ސަބްސިޑީއެއްގެ ގޮތުން ރައީސް ނަޝީދުގެ ސަރުކާރުން އޭރު އެމްޓީސީސީއަށް ދިން ވ. ފޮއްތެޔޮ ވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އަތުލައިފަ އެވެ. އެރަށް އަތުލީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރުއެވެ. އެރަށް އަތުލީ އޭގެ ބަދަލު އެމްޓީސީސީއަށް ދޭ ގޮތަށެވެ. އެހެން ނަމަވެސް އެ ބަދަލު ދީފައެއް ނުވެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީން ވަނީ އިތުރު ދެ ސަރަހައްދެއްގައި ސްޕީޑްބޯޓު ފެރީގެ ޚިދުމަތް ފަށައިފަ އެވެ. އެ ގޮތުން ބޮޑުތިލަދުންމަތީގައި ސްޕީޑްބޯޓު ފެރީގެ ޚިދުމަތް ފަށާފައިވާ އިރު، ދ. ކުޑަހުވަދޫ އާއި ތ. ބުރުންޏާ ދެމެދު ވެސް ވަނީ ފެރީގެ ޚިދުމަތް ފަށައިފަ އެވެ.