އުމުރުން އެކާވީސް އަހަރުގެ ހަލީމާ އަޑެން މިވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައެވެ. ފުރަތަމަ މުސްލިމް އަންހެން މޮޑެލެއް ސްޕޯޓްސް އިލަސްޓްރޭޓަޑް ސުވިމް ސޫޓް އިޝޫއެއްގައި ހިޖާބާއެކު ބުރްކިނީ ލާފައި ހުއްޓައި ފެނިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ.
ހަލީމާ އަކީ ސޯމާލީ އެމެރިކަންއެކެވެ. އޭނާ ވިހެއީ ކެންޔާގެ ރެފިއުޖީ ކޭމްޕަކަށެވެ. ހަލީމާ މިވަނީ ފުރަތަމަ ފަހަރަށް އޭނާގެ އުފަން ރަށަށް މި މެގަޒިނަށް ޝޫޓް ކުރުމަށް ދަތުރުކޮށްފައެވެ.
ސްޕޯޓްސް އިލަސްޓްރޭޓަޑް އިން ހޯމަ ދުވަހު އިއުލާން ކުރިގޮތުގައި ހަލީމާއަކީ އެ ޓީމުގެ 2019 ގެ ރޮކީ ކްލާސް މެންބަރެއް ކަމަށެވެ. މެއި އަށެއްގައި ރިލީސްކުރަން ހަމަޖައްސައިފައިވާ އެ މެގަޒިންގައި ހިމެނޭ ހަލީމާގެ ބައެއް ފޮޓޯތައް ސްޕޯޓްސް އިލަސްޓްރޭޓަޑް އިން ވަނީ ހިއްސާކޮށްފައެވެ.
އުމުރުން ހަތް އަހަރުގައި އެމެރިކާއަށް ބަދަލު ވުމުގެ ކުރިން ހަލީމާ އުޅުނީ ކަކުމާ ރެފިއުޖީ ކޭމްޕެއްގައެވެ.
ހަލީމާ ބުނި ގޮތުގައި މި ޝޫޓިންގެ ތެރެއިން އޭނާގެ އުމުރުން ހަ އަހަރުގެ ހަނދާންތައް އާވެގެން ދިޔައެވެ. އޭރު ހަމަ މި ގައުމުގައި އުޅުނީ ރެފިއުޖީއެއްގެ ގޮތުގައެވެ. ބޮޑުވެގެން ދިޔައީ އެމެރިކާއަށް ކަމަށާއި، އެމެރިކަން ޑްރީމެއް ފުރިހަމަ ކުރުމަށް އެނބުރި އުފަން ރަށަށް އާދެވުމަކީ ކޮންމެ ދުވަހު އަޑުއިވޭނެ ކަހަލަ ވާހަކަތަކެއް ނޫން ކަމަށެވެ.
ހަލީމާ އިތުރަށް ބުނި ގޮތުގައި މިއީ ހަމަ އަސްލުވެސް އޭނާ ބެލި ހުވަފެނެއް ހަގީގަތަކަށް ވުމެވެ. އެމެރިކާގައި ބުރުގާ އެޅި މީހަކަށް ވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ބޮޑު ވަމުން އައިއިރު މެގަޒިން ތަކުން އަބަދުވެސް ގެންނަނީ ބުރުގާ ނާޅާ މޮޑެލްސް ކަމަށް ވާތީ އެއްވެސް އިރެއްގައި ބުރުގާ އަޅައިގެން ހުރެ މި ހަރުފަތް ގިރާ ކުރެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ.
ފުރާވަރުން ފެށިގެން ހަލީމާ އަންނަނީ މޮޑެލް ކުރުމުގެ ޝައުގުވެރިކަން އުފެދި އެއަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްކޫލުގައި އޭނާއަށް ވަނީ އެ އަވަށުގެ އެންމެ ފުރަތަމަ ހޯމްކަމިން ކުއީންގެ މަގާމު ލިބިފައެވެ. ކޮލެޖުގައި ފުރަތަމަ މުސްލިމް ސޯމަލީ ސްޓޫޑަންޓް ސެނެޓާގެ މަގާމު ހޯދައި އޭނާ ދެން ބައިވެރިވީ މިސް މިނިސޮޓާ ޔޫއެސްއޭ ޕެޖަންޓްގައެވެ.
ދެހާސް ސޯޅައިގައި ހަލީމާ ވަނީ ހިޖާބާ ބުރްކިނީ ލައިގެން ފުރަތަމަ ޕެޖަންޓެއްގައި ވާދަކުރި މޮޑެލަކަށް ވެގެން ގޮސްފައެވެ. އަދި އެ ޕެޖަންޓްގައި އޭނާ ވަނީ ސެމީ ފައިނަލިސްޓް އިން ޖާގަވެސް ހޯދައިފައެވެ.
އެ ޕެޖަންޓަށް ފަހު ހަލީމާ ވެގެން ދިޔައީ އެމެރިކާގައި ފުރަތަމަ ހިޖާބް އެޅި މޮޑެލް އަށެވެ. އަދި ބޮޑު މޮޑެލިން އެޖެންސީ އަކާ އެކު ސޮއިކޮށްފައެވެ. އެގޮތުން ފެބްރުއަރީ 2017ގައި އައިއެމްޖީ އާއެކު ސޮއިކޮށް ފުރަތަމަ ރަންވޭގައި ބައިވެރިވިއެވެ. އެއީ ކޭން ވެސްޓްގެ ޔީޒީ ޝޯގައެވެ.
ހަލީމާ އަންނަނީ އޭނާގެ މޮޑެލިން ޕްލެޓްފޯމް ބޭނުންކޮށްގެން އެކި ކަހަލަ އިޖްތިމާއީ ކަންކަންވެސް ކުރަމުންނެވެ. އަދި އޭނާ އަށް ވަނީ ޔުނިސެފްގެ އެމްބެސެޑަރުކަންވެސް ލިބިފައެވެ.
ސްޕޯޓްސް އިލަސްޓްރޭޓަޑްގެ އެޑިޓަރު ބުނީ ބިއުޓީ އަކީ އެއްވެސް ބައުންޑްރީއެއް އޮތް ކަމެއްގެ ގޮތުގައި އޭނާ ނުބަލާ ކަމަށެވެ.
ހަލީމާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ރީތި އަންހެނުން ތެރެއިން ގުނައިލެވޭނެ މީހެއް ކަމަށާއި އޭނާގެ އިންޓެލިޖެންސް އާއި އެންތޫސިއޭސަމް ދިމާވި ފުރަތަމަ ދުވަހުވެސް ފެނިގެން ދިޔަކަން ސްޕޯޓްސް އިލަސްޓްރޭޓަޑްގެ އެޑިޓަރު ބުންޏެވެ.
އަދި އެމީހުންގެ އެ މެގަޒިންގެ ޝޫޓްގައި އެކީގައި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ދިމާވި ވަގުތުން ފެށިގެން ހާއްސަ ގުޅުމެއް އެދެމީހުންގެ މެދުގައި އުފެދިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ދެމީހުނަށްވެސް އަންހެނުންނަކީ ވަކި ގޮތަކަށް ޕޯޓްރޭ ކުރާ ބައެއްކަން އެނގި ހުރެ އެކަން ބަދަލު ކުރުމަށް ފެށި ބޮޑު މަސައްކަތެއްގެ ގޮތުގައި އެޑިޓަރު މި ޝޫޓް ފާހަގަކުރިއެވެ.