ޚަބަރު

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި، ކިލޯއެއް 50 ރުފިޔާއަށް

ފާތިމަތު ލިޔުޝާ

ބާޒާރުގައި ލުނބޯ އަގުބޮޑުވެފައިވާތީ އަގުތައް ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން މުދާ އެތެރެކޮށް، އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، ލުނބޯ އަގުހެޔޮކޮށް ވިއްކަން ފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލުމުން ކަމަށެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް 50 ރުފިޔާއަށް ވިއްކާ އިރު، 25 ކިލޯގެ ބަސްތާއެއް ވިއްކަނީ 1،175 ރުފިޔާ އަށެވެ.

ލުނބޯ ވިއްކާ އަގު ހެޔޮކުރީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް އެކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ވިއްކާ ލުނބޯ ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓާ އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖްއިން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ވަނީ ބުރާސްފަތި ދުވަހު ރޯދައަށް އަމާޒުކޮށް ފިޔާގެ އަގުވެސް ހެޔޮ ކޮށްފައެވެ. އެގޮތުން ކުރިން 20 ރުފިޔާ އަށް ލިބެން ހުރި ފިޔާ ކިލޯއެއް މިހާރު ލިބެނީ 17 ރުފިޔާއަށެވެ.

ރޯދަމަހާއި ދިމާކޮށް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު މައްޗަށް ދިއުމަކީ އާންމު ކަމެކެވެ. އެކަން ކޮންޓްރޯލު ކުރުމަށް ޓަކައި އެސްޓީއޯއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެ ގޮތުން ރޯދަ މަހު އެންމެ އާންމުކޮށް ބޭނުންވާ، ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތައް ގިނަ އަދަދަކަށް ގެނެސް، އަގު މައްޗަށް ދޮޔަ ނުދީ ހިފެހެއްޓުމަކީ އެސްޓީއޯއިން ކުރަމުން އަންނަ ކަމަކެވެ.